ހަބަރު

މުޒާހަރާއިން ހައްޔަރުކުރި މީހުން ކޯޓުން ދޫކޮށްލައިފި

Jun 30, 2020

ރޭޕްކުރުމާއި ޖިންސީ ގޯނާއާ ދެކޮޅަށް އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުންނަށް ބަންދު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު ޖަހައިނުދޭން އެ ކޯޓުން ނިންމައިފި އެވެ. ކުރިމިނަލް ކޯޓުން ވަނީ ޝަރުތަކަކާއެކު އެމީހުން ދޫކޮށްލާފަ އެވެ.

ދެ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގާ، ފުލުހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ޖެންޑާ މިނިސްޓްރީ ކައިރީ އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގައިވެސް މުޒާހަރާ ކޮށްފައެވެ. ނަމަވެސް ބޭރު މަގަށް މުޒާހަރާގެ ބައިވެރިން ދިއުމާއެކު ފުލުހުން ވަނީ އެ މީހުންނަށް ހުރަސް އަޅާފައެވެ. އޭގެ ކުރިން ފުލުހުން އެއްވެސް ވަރަކަށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައެއް ނުވެއެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ ވެސް ޖަހާފައެވެ.

އެ މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ރޭ ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާ އާ ގުޅިގެން، ރޭޕް އާ ދެކޮޅަށް އަޑު އުފުލާ އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ މުޒާހަރާ އެކެވެ.

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި މުޒާހަރާގައި އެ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ނުފޫޒެއް ނެތި ބެލުމަށް ގޮވާލާފައެވެ. އަދި އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.

މުޒާހަރާގެ ދެ ބައިވެރިން ހައްޔަރުކޮށް ކޯޓަށް ގެންދިޔައިރު ވެސް މިހާތަނަށް ޖިންސީ ގޯނާގެ ތުހުމަތުވާ މީހުންނާމެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެމީހުން އެންމެ ފުރަތަމަ ފުލުހަށް ގެންދިޔައިރު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެ އެވެ.