ފޮރިން މިނިސްޓްރީ

ލަންކާގައި ތިބި ދިވެހިން ރާއްޖެ އަންނަން ފުރުސަތެއް

Jun 30, 2020

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް އަންނަ ބުރާސްފަތި ދުވަހު ހާއްސަ ފްލައިޓެއް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ އައުމަށް ބާއްވާ ފްލައިޓެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. މޯލްޑިވިއަންގެ މި ފްލައިޓްގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އެކަން އެންގުމުން އިންތިޒާމްތައް ހަމަޖައްސައިދޭނެ އެވެ. އެ މީހުން އަންނާނީ އަމިއްލަ ހަރަދުގައި ޓިކެޓް ގަނެގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ލަންކާ ބޯޑަރު ހުޅުވާލާ ދަތުރުތައް ފަށާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ފޮރިން މިނިސްޓްރީން ގެންދަނީ ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އާއި ގުޅިގެން ހާއްސަ ދަތުރުތަކެއް ކުރަމުންނެވެ. މި ދަތުރުތަކަށް ގައުމުތަކުގެ ބޯޑަރު ހުޅުވާލަނީ ފޮރިން މިނިސްޓްރީން އެ ގައުމުތަކުގެ ސަރުކާރާ ކުރާ މަޝްވަރާގެ ތެރެއިންނެވެ.