މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ބައްދަލުވުމެއް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދުމުގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވަމުންދާ ސިލްސިލާ ބައްދަލްވުންތަކުގެ ދެވަނަ ބައްދަލްވުން މާދަމާ ރޭ 8:30 ގައި މަޖިލީހުގައި އޮންނާނެ ކަމަށެވެ.

މި ބައްދަލްވުމުގައި އޮންނާނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދުމެވެ. މި ބައްދަލްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން މާދަމާ ރޭ 8:15 ކުރިން މަޖިލީހުގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އިތުރު 40 އިސްލާހެއް ގެނައުމަށް އެ ބިލު ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ސަބް ކޮމިޓީއަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ހުށައަޅާފައެވެ.

ލުހުންގެ ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފާހަގަ ކުރެވޭ އެއް އިސްލާހަކީ ފުލުހުން ކުރާ މަސައްކަތްތަކާބެހޭ ގޮތުން މަައުލޫމާތު ސާފުކުރަން 241 ކޮމިޓީއަށް ހާޒިރު ކުރެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރެވެ. އަދި ގަވާއިދުތައް ހެދުމުގެ ޒިންމާ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއަށް އޮތް ނަމަވެސް މިހާރު އޮތީ އެ ޒިންމާ ހޯމް މިނިސްޓަރާ މަތިކޮށްފަ އެވެ.

ބިލު އެންމެ ފުރަތަމަ ހުށަހެޅިއިރު ޕޮލިސް ޑިވިޝަނެއް ނުވަތަ ސިޓީ ޕޮލިސްގައި އިސްކޮށް ހުންނާނެ ކަމަށް ކަނޑައަޅާފައި އޮތީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރެއް ކަމަށެވެ. މި އަދުގެ ކޮމިޓީ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ އެ މަގާމުތަކުގައި ތިބޭނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރުން ކަމަށެވެ. އެއީ ކުރިން އޮތް ރޭންކަށް ވުރެ މަތީ ރޭންކެކެވެ.