ހަބަރު

ކޮސޯވޯގެ މައްސަލާގައި މޮސްޓާއާއި އެމްޑީޕީގެ މެންބަރުންގެ ހޫނު ޒުވާބެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު މޮސްޓާ ހުށަހެޅުއްވި މައްސަލައިގެ އިބުތިދާއީ ބަހުސް ފެށުމުގެ ގޮތުން ތަޅުމަށް އެ މައްސަލަ މެންބަރު މޮސްޓާ އިއްވި އެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ބަހުސަށް އެކަން ހުޅުވާވެސް ލެއްވި އެވެ. ނަމަވެސް އެއްވެސް މެންބަރަކު އެއް މައްސަލައަކަށް ބަހުސް ކުރައްވަން ފުރުސަތު އެދިވަޑައެއް ނުގަތެވެ.

ރައީސް ނަޝީދު ދެން ނިންމެވީ މޮސްޓާއަށް ފަހު ބަސް ވިދާޅުވާން ފުރުސަތު ދެއްވުމަށެވެ. އެ ފުރުސަތުގައި މޮސްޓާ ފުރަތަމަ ވިދާޅުވީ "ފަހު ބަސް ބުނަން ބޭނުން ނުވާ" ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލައަކަށް އެމްޑީޕީގެ މެންބަރުންނަށް ބަހުސް ކުރަން "ނުކުރޭނެ" ކަމަށެވެ. މަޖިލިސް ހިންގަނީ "ނުފޫޒާއި ބާރުން" ކަމަށެވެ.

މޮސްޓާގެ ވާހަކަ ނިންމެވުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އީސަ ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައަކަށް ބަހުސް ކުރައްވަން ނުޖެހޭނެ ކަމަށެވެ. ވިދާޅުވީ ވަކި މެންބަރަކު ހުށަހެޅުއްވި މައްސަލައަކަށް ބަހުސް ނުކުރެއްވުމުން ކުށްވެރިވާނެ ހަމައެއް ނެތް ކަމަށެވެ.

މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ހާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކީ ރައީސްގެ ބާރެއް ކަމަށް ވާތީ މަޖިލީހުގައި މި ބަހުސް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެއީ މީގެ ކުރިން ވެސް އެ މައްސަލަ އެޖެންޑާ ކުރި ދުވަހެއްގައި ވެސް އޭނާ ވިދާޅުވި ވާހަކައެކެވެ.

އީސަ އަލުން ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ވިދާޅުވީ މޮސްޓާއަށް އެ ގަރާރު ޑްރާފްޓްކޮށް ދިނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ކަމަށާއި އެކަމަކު އެ ޕާޓީގެ ވެރި ކަމުގައި އެ މައްސަލަ ނުބައްލަވާ ކަމަށެވެ. މައްސަލަ ހުށަހެޅުއްވީ "ބޮލުގައި ތެތް ކަމެއް ނެތް" މެންބަރަކަށް ވިޔަސް އެހެން މެންބަރުންގެ ވިސްނުން އެބަ ހުރި ކަމަށެވެ.

ފަހުން މޮސްޓާ ވިދާޅުވީ ބޮލުގައި ތެތް ކަމެއް ނެތް މެންބަރެއް ކަމަށް ވިދާޅުވި މެންބަރަކީ ރައީސް ނަޝީދާއެކު "ދެ އިރު ދެ ދަޅައަށް ރާ ތަށި ހިއްޕަވައިގެން" އިންނަވާ މެންބަރެއް ކަމަށެވެ. ދެން ވިދާޅުވީ ގަރާރު ތައްޔާރު ކޮށްދެއްވީ މެންބަރު އީސަ ކަމަށެވެ.

މޮސްޓާގެ ވާހަކަ މެދުކަނޑާލައްވައި ރައީސް ނަޝީދު ވިދާޅުވީ މޮސްޓާ ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ވިދާާޅުވީ އެއީ މަޖިލީހުގައި މަނާ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވުމުން މޮސްޓާ އަޑުގަދަ ކުރެއްވި އެވެ. މޮސްޓާ ވިދާޅުވަމުން ގެންދެވީ އީސަ ވެސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެމްޑީޕީގެ އެހެން މެންބަރުން ވެސް އިތުރުފުޅު ހައްދަވާ ކަމަށެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އިސްލާމް ދީނާ ހިލާފު ނޫން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް އޮންނަ ކަމަށެވެ. އެހެންވިޔަސް މޮސްޓާ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމުން މަޖިލީހުގެ ތެރެއިން އެ މައްސަލަ ބެލެން އޮތް ގޮތަކަށް ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަލީ ރިޒާ އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ "އިތުރުފުޅު ހެއްދެވުމަކީ އިތުރުފުޅު ހެއްދެވި ބޭފުޅަކާ މާތް ރަސްކަލާނގެއާ ދެމެދު އޮންނަ ކަމެއް، އެއީ އިތުރުފުޅެއް ނޫން ކަން ސާބިތު ކޮށްދެއްވުމަށް ވެސް ދެން އޮންނާނީ މާތް ރަސްކަލާނގެ ގަންދީ ހުވާ ކުރެއްވުން." ކަމަށެވެ.

މެންބަރު އީސަ ނިޒާމީ ނުކުތާއެއް އަނެއްކާ ވެސް ނެންގެވި އެވެ. އެ ފަހަރު އޭނާ ވިދާޅުވީ ނިޒާމީ ނުކުތާއެއް ނެންގެވީ މެންބަރު މޮސްޓާ އެހެން މެންބަރުންގެ ވާހަކަ ދައްކަވާއިރު، އެ މެންބަރު "މި މާލެއަށް 12 މިލިއަން ރުފިޔާގެ ހަކުރު އެތެރެކޮށްފައިވާ އަމިއްލައަށް ވިދާޅުވެފައިވާ" ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ބަނގުރަލާ ގުޅޭ ގޮތުން ކީރިތި ޤުރްއާންގައިވާ އާޔަތްތައް ވިދާޅުވެދެއްވި އެވެ. ޖާބިރު އެ ގޮތަށް ވާހަކަފުޅު ދައްކަވައި ނިންމެވުމުން ރައީސް ނަޝީދު ދެން ވަނީ އެޖެންޑާގައި ހިމެނޭ އެހެން މައްސަލަތަކުގެ މަސައްކަތް ފަށްޓަވަން ނިންމައިވައި އެ ގޮތަށް ކުރިއަށް ގެންދަވައިފަ އެވެ.