ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމަށް ލިބިފައިވާ ގެއްލުމަށް އެހީވާން، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 50 މިލިއަން ޑޮލަރާ ހަމައަށް ލޯނު ދޫކުރުމަށް ނިންމައިފި އެވެ.
ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއް ކަމަށްވާ އައިއެފްސީ އިން ބުނީ މި ލޯނު ދެނީ ޓޫރިޒަމް ސިނާއަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށާއި ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި އަދި ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަމަށެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް މިއަދު ވަނީ ދޫކޮށްފަ އެވެ.
މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން އެ ފަރާތްތަކަށް ނަފާ ލިބިގެންދާނެ އެވެ. އަދި ހަމައެހެންމެ މުޅިން ކަށަވަރު ނުކުރެވުނުކަމުގައި ވިޔަސް އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބީއެމްއެލްއަށް ދޫކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ނާރުކަމަށްވާ ޓޫރިޒަމް ދާއިރާއިން ގައުމުގެ ޖީޑީޕީގެ ތިން ބައިކުޅަ ދެބައި ހިއްސާ ކުރެ އެވެ. އަދި ހަމައެހެންމެ އެ ދާއިރާ އިން ރާއްޖޭގެ އެކްސްޕޯޓްގެ 80 ޕަސެންޓާއި ގައުމަށް ލިބޭ އާމްދަނީގެ 40 ޕަސެންޓުގެއެއް ހިއްސާ ކުރެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮޓީ ސޯޔާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ޓޫރިޒަމް ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެ ކުރީގައި އޮތް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން މިހާރު ވެސް ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓާމް ފައިނޭންސީން ޕްރޮގްރާމެއް ތައާރަފްކޮށްފައިވާ ކަމަށެވެ.
"އައިއެފްސީ އިން ދޫކުރާ އެތައް މިލިއަން ޑޮލަރުގެ މި ލޯނަކީ ވަރަށް އެކަށޭނެ ވަގުތެއްގައި އަދި އެހެންމެ މިހާރުގެ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއް ވެސް،" ސޯޔާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ހުއްޓިފައިވުމުން އޭގެ އަސަރު ވަނީ ގިނަ ވިޔަފާރިތަކަށް ކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތިންބައި ކުޅައެއްބައި އަދި އަންހެންނުންގެ ހަތަރުބައި ކުޅައެއްބައި މީހުން ޓޫރިޒަމާ ގުޅުން ހުރި މަސައްކަތުގައި ބައިވެރިވާކަމަށް ދިރާސާތަކުން ދައްކަ އެވެ. ދާދިފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށް ވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ވެފަ އެވެ.
އައިއެފްސީ އިން ރާއްޖެ އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ މެނޭޖަރު އަމީނާ އާރިފް ވިދާޅުވި ގޮތުގައި
ރާއްޖޭގެ ޓޫރިޒަމް އިގްތިސާދުގެ މައި ނާރަށްވެފައި، ޓޫރިޒަމް ސިނާއަތު ނަގައި ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް ބަލައި ގަންނަ ކަމަށެވެ
ރާއްޖޭގެ އިގްތިސާދަށް ޓޫރިޒަމް ސިނާއަތުން ލިބޭ އެހީތެރިކަމަކީ މުޅި ގައުމުގެ ތަރައްގީގެ ވެސް މުހިންމު ދައުރެއް އެކުލެވޭ ހަރަކާތަކަށްވުމާއެކު އައިއެފްސީއިން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ނުހަނު އިސްކަމެއްދެ އެވެ. އައިއެފްސީ އިން ރާއްޖެއަށް އަމާޒުކޮށް އެހީތެރި ވެދެނީ ތަރައްގީގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް އެންމެންނަށް ވެސް ޝާމިލުވެވޭ، ދެމެހެއްޓެނެވި، އަދި ގުޅުވައިދިނުން ހިމެނިގެން ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ހޯދައިދެވޭ ހައްލުތަކަށެވެ.
އައިއެފްސީ އިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓާ އަށް އެހީވުމަށް 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފަ އެވެ.