ހަބަރު

ފްލައިޓްތައް ޑިލޭވެ ހައްޖުވެރިންގެ އާއިލާތައް ރުޅިގަދަވެއްޖެ!

Sep 30, 2015

ޖިއްދާގެ އެއާޕޯޓުގެ ޗެކިން ސިސްޓަމްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފުރުން ލަސްވެ، އެއާޕޯޓުގައި ގިނަ އިރުތަކެއް ހޭދަކުރަން ޖެހުމުން ހައްޖުވެރިންގެ އާއިލާތަކުގެ ޝަކުވާ އިތުރުވެއްޖެ އެވެ.

ރާއްޖެއިން ހައްޖަށް ދިޔަ މީހުން މާލެ އަންނަން ހަމަޖެހިފައި އޮތް އެންމެ ފަހު ތާރީހަކީ މިއަދު ކަމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ހައްޖުވެރިންގެ ފްލައިޓްތަކުގެ ފުރުން ލަސްވީ ޖިއްދާ އެއާޕޯޓުގެ ޗެކިން ބެލްޓުތަކާއި ސިސްޓަމްތަކަށް ދިމާވި މައްސަލަޔަކާ ގުޅިގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ޖިއްދާ އެއާޕޯޓުގެ ބައެއް ސިސްޓަމްތަކަށް މައްސަލަޖެހުނު ކަމުގެ މައުލޫމާތު ލިބިފައި ނެތުމުން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރަން ހަމަޖެހިފައި އޮތް ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން ވަނީ އިއްޔެ ހަވީރު އެއާޕޯޓަށް ގޮސްފައެވެ. އެހެން ނަމަވެސް ފްލައިޓަށް ފުރޭ ގޮތް ނުވެ، ދަތުރު ފަސްވުމާ ގުޅިގެން އެމީހުން މަޑުކުރަންޖެހުނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ޖިއްދާގައި އެމީހުން ތިބެން ހަމަޖެއްސި ހޮޓަލެއްގަ އެވެ.

"އެއާޕޯޓުގައިވެސް ގިނަ ވަގުތުތަކަކަށް މަޑުކޮށްފަ އަނެއްކާ ކޯޕަރޭޝަނުން ހަމަޖެއްސީ ފުރަން ދެން ހޮޓަލެއްގައި މަޑުކުރަން. ބައެއް މީހުން ކުޑަކޮށް ބަލިކޮށް އުޅެނީވެސް. ވަރަށް ދެރަ މިގޮތަށް ދިމާވީމަ،" ކޯޕަރޭޝަނުގެ ތިން ވަނަ ފުލައިޓުގައި ފުރަން ހަމަޖެހިފައިވާ ހައްޖާޖީއަކު ވިދާޅުވިއެވެ.

"އެއާޕޯޓުގެ ޗެކިން ސިސްޓަމަަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ފުރުން ލަސްވީ. އެކަމަކު އެކަން ނޭނގި އޮތީމަ ފުރާ ގަޑިއަށް ހުރިހާ ހައްޖުވެރިން އެއާޕޯޓަށް އައި. އެހެންވެ އެމީހުންގެ ބައިތިއްބަން އަޅުގަނޑުމެން ހަމަޖެއްސީ ޖިއްދާގައި ހޮޓަލެއް. ތިން ވަނަ އަދި ހަތަރު ވަނަ ފްލައިޓުގެ މީހުންވެސް މިހާރު ތިބީ ހޮޓަލުގައި،" ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާލުވި އެވެ.

އެ ކޯޕަރޭޝަނުގެ ހަވާލުގައި މާލެ އަންނަ ތިންވަނަ ފްލައިޓް ފުރާނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ޖިއްދާއިން މާލެއަށް ދަތުރުކުރަން ހައެއްކަ ގަޑިއިރު ނަގާނެ އެވެ. އެހެންކަމުން ހައްޖުވެރިންނަށް މާލެއަށް އާދެވޭނީ މިއަދު އިރުއޮއްސޭ ހާއިރު އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާލެ އަންނަ ހަތަރު ވަނަ ފުލައިޓް ފުރަން ކުރިން ހަމަޖެހިފައި އޮތީ މިއަދު ހެނދުނަށެވެ. ނަމަވެސް އެ ފްލައިޓު ވަނީ މިރޭ ދަންވަރަށް ފަސްކޮށްފަ އެވެ.

އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ފުރުން މިއަދަށް ހަމަޖެހިފައި އޮތް ނަމަވެސް، ފްލައިޓްތަކުގެ ތާވަލަށް އައި ބަދަލާ އެކު، އެ މީހުންގެ ފުރަތަމަ ފްލައިޓް ވަނީ މާދަމާ އަށް ފަސްވެފައެވެ. އަދި ދެ ވަނަ ފުލައިޓް ވަނީ ހުކުރުދުވަހަށް ފަސްކޮށްފައެވެ. 

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ރޭ މާލެ އައި ފުރަތަމަ ގްރޫޕްގެ މީހުން ވެސް އެ އައީ ފްލައިޓް ޑިލޭވެގެން އެއާޕޯޓްގައި ގާތްގަނޑަކަށް 24 ގަޑިއިރު މަޑުކޮށްގެން ތިބުމަށް ފަހު އެވެ.