ސްޓެލްކޯ

ކަރަންޓް ބިލް ބޮޑުވި މައްސަލަ މަޖިލީހުން ބަލަނީ

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުމަށް ހުށައަޅައިފި އެވެ.

މި މައްސަލަ ބަލާ، ކަރަންޓް ކުންފުނި ޖަވާބުދާރީ ކުރުވުމަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއީލް މީގެ ކުރިންވެސް ވަނީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބައެއް މައްސަލަތައް ބެލުމަށް މަޖިލީހަށް ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މީކާއީލް ފޮނުއްވި ސިޓީގައި މާލެ ސިޓީގެ ގޭގެއަށް މިދިޔަ މަހު ކަރަންޓް ބިލް އައިއިރު އެބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި އެ ބިލްތައް ބޮޑުވެފައިވާ ކަަމަށް ފެންނަނީ މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީނަމަވެސް، ލޮކްޑައުން އައުމުގެ ކުރީ މަސްތަކުގެ ކަރަންޓް ބިލާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ބިލް ދެ ގުނަ، ތިންގުނަ އަދި ހަތަރުގުނަވެސް ބޮޑުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"..އެހެން ކަމުން ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީ ގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދެންނެވީމެވެ،" މީކާއިލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މިއަދު ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ވަރަށް ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ވަނީ ހިއްސާކޮށްފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަަވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު ވަނީ 4،000 ރުފިޔާ އަރާފައެވެ.

އެކަންބޮޑުވުންތަކަށް ސްޓެލްކޯއިން ވަނީ ޖަވާބުވެސް ދީފައެވެ. މީގެ ކުރިންވެސް ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް ޖަވާބުދެމުންދިޔަ ގޮތަށް މިފަހަރު ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ހީވަނީ ކުރީ ދެ މަހު ދިން ސަބްސިޑީ ނެތުމުން ކަމަށެވެ. ކަރަންޓްގެ މައްސަލާގައި ރައްޔިތުން ކަންބޮޑުވާ ކޮންމެ ފަހަރަކު އެ ކުންފުނިން ބުނަމުންދަނީ މިފަދަ ވާހަކަތަކެވެ.