ހަބަރު

ރަސްމީ ގަޑިއާ އެކު ސްކޫލްތަކުގެ ރަސްމީ ގަޑި ވެސް ހަ ގަޑިއިރަށް!

Sep 30, 2015

ސަރުކާރުގެ ރަސްމީ ގަޑި ހަ ގަޑި އިރަށް ބަދަލުކުރުމާއި ގުޅިގެން ސްކޫލުތަކުގެ ރަސްމީ ގަޑިވެސް ހަ ގަޑި އިރަށް ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަ ގަޑި އިރަށް ކުރުކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލުތަކުގެ ރަސްމީ ގަޑިވެސް ހަ ގަޑި އިރަށް ބަދަލުކުރަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއި އެކު ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުން ލައްވައި ހަގަޑި އިރަށްވުރެ ގިނަ ވަގުތު މަސައްކަތް ނުކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ސްކޫލުތަކުގެ ކިޔަވައިދޭ ގަޑިތަކަށް މި އައި ބަދަލާ އެކު ދަރިވަރުންގެ މިހާރުގެ ޓައިމްޓޭބަލް ތަކަށް ވެސް ބަދަލު އަންނާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާ ކިޔަވައިދޭނީ މިހާރުވެސް އޮތް ޓައިމްޓޭބަލަށް ކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީގެ ޒޯން މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު ޓައިމްޓޭބަލަށް ބަދަލު ގެނެސް އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އާ ޓައިމްޓޭބަލަށް އަމަލުކުރަން އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.

ޓީޗަރުންގެ ކިޔަވައިދިނުމުގެ ވަގުތު ޝެޑިއުލްކުރާ އިރު 6 ގަޑި އިރަށްވުރެ އިތުރުނުވާ ގޮތަށް މަސައްކަތް ހަމަޖައްސަން ޖެހޭ ކަމަށް އިއުލާނުގައި ބުނެ އެވެ.

"ދެ ދަންފަޅިއަށް ކިޔަވައިދޭ ޓީޗަރެއް ނަމަ ކިޔަވައިދިނުމުގައި ހޭދަކުރާ ވަގުތު ޖުމްލަ 6ގަޑި އިރަށް ވުރެ އިތުރު ނުވާގޮތަށް ޓައިމްޓޭބަލް އެޓެސްޓުކުރުން،" އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މިހާރު އޮތްގޮތާ ވަކި ތަފާތެއް ނާންނާނެ ކަމަށެވެ. އެހެން ނަމަވެސް ޓައިމްޓޭބަލް އަލުން ހަމަޖައްސަނީ ޓީޗަރުންގެ މަސައްކަތް ހަގަޑި އިރަށްވުރެ ދިގު ނުވާ ގޮތަށް ހަމަޖައްސަން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ބައެއް ސްކޫލުތަކުގައި ކިޔަވައިދޭނެ ގަޑި ދިގުކޮށް. ހާއްސަކޮށް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި. އެ ކަހަލަ ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މަސައްކަތްތަކަށް މި ބަދަލާ ގުޅިގެން ބަދަލު އަންނާނީ ބޮޑަށް،" އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޑރ މުހުސިން ވިދާޅުވި އެވެ.