ހަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން: ފުލުހުންނަށްވެސް ރަށައް ނޭރުނު

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެ ރަށައް ދިޔަ ފުލުހުންގެ ޓީމަށްވެސް ބިދޭސީން ހުރަސް އަޅައިފި އެވެ.

އެމީހުން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށްވެ އެވެ. 200 އެއްހާ ބިދޭސީން މަސައްކަތް ކުރާ އެ ރަށުގައި މިއަދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދިވެއްސަކަށް ވަނީ އަނިޔާވެފައެވެ. އަދި އެ ރަށުގައި ދެން ތިބި ދެ ދިވެހިންނާ ނުގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަމަނުޖެހުން މައިތިރިކުރުމަށް ތުޅާދޫއިން ޒުވާނުންތަކެއް އެ ރަށަށް ދިޔުމުން ބިދޭސީން ވަނީ އެމީހުންނަށްވެސް ހަމަލާދީފައެވެ. އެ މީހުން ދަތުރުކުރި ދޯންޏަށް ގައު އުކާ ގެއްލުންތައް ދީފައިވެއެވެ.

އޭގެ ފަހުން ފުލުުހުންގެ ޓީމެއްވެސް ވަނީ އެ ރަށައް ގޮސްފައެވެ. ނަމަވެސް އެ ޓީމަށްވެސް ވަނީ ރަށައް އެރޭ ގޮތް ނުވެފައެވެ. ފުލުހުން ދަތުރުކުރި އުޅަނދަށްވެސް އެ މީހުން ވަނީ ގައު އުކާ ހަދާފައެވެ.

ފުލުހުން މިހާރު ތައްޔާރުވަމުންދަނީ އެ އަތޮޅާއި ޅ އަތޮޅުގައި ތިބޭ ފުލުހުންނާއެކު ބޮޑުފިނޮޅަށް އެރުމަށެވެ. ނަަމަވެސް މިކަމާ ގުޅޭގޮތުން ފުލުުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެއެވެ.