ހަބަރު

ޒުވާނުން ނުކުމެ ތޮއްޑޫގައި ޒަމާނީ ފެންވަރުގެ ދަނޑެއް ހަދަނީ

އއ. ތޮއްޑޫ ޒުވާނުން އިސްނަގައިގެން އެ ރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ދަނޑުހެދުމުގައި އިސްކޮށް އުޅޭ ޒުވާނެއް އަވަސް އަށް މައުލޫމާތު ދެމުން ބުނީ އަމިއްލަ ފަސްގަނޑުގައި ޒަމާނީ ފެންވަރުގެ ދަނޑެއް އޮތުން މިއީ ގިނަ ޒުވާނުން ދެކޭ ހުވަފެނެއް ކަމަށެވެ.

ރާއްޖޭގެ ނަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން އުފަންވެފައިވާ ތޮއްޑޫގައި ޒަމާނީ ފެންވަރުގެ ދަނޑެއް އެޅުމަށް ސަރުކާރާއި އެކި މުއައްސަސާތަކުގައި އާދޭސްކުރި ނަމަވެސް އެދެވޭނެ ޖަވާބެއް ނުލިބޭ ކަމަށް ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ. އެހެން ކަމުން ކުރިންވެސް ފުޓުބޯޅަ ކުޅެމުން އައި ދަނޑު ސާފްކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭނާ ބުނީ ތޮއްޑޫގައި ޓާފް ދަނޑެއް ހެދުމަށް މިހާރު ކުޅެން ބޭނުންކުރަމުންދާ ދަނޑުގައި ހުރި ވިނަތައް ނޮޅާ ސާފްކޮށް މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ބޮޑެތި ގޮންޖެހުންތަކާއި ދިމާވާ ކަމަށެވެ.

"ގޮންޖެހުންތަކާއި ދިމާވޭ. ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ދިމާވޭ. އަދި ވިނަ ވެސް އެކި ރަށްރަށުން ގެންނަން ޖެހޭތީ ވަރަށް ދަތިވޭ. ކައުންސިލްގެ އެއްބާރުލުން އެއްވެސް ވަރަކަށް އަޅުގަނޑުމެންނަކަށް އަދި މިހާތަނަށް ނުލިބޭ މި ދާއިރާގެ މެމްބަރުގެ އެހީތެރިކަން އަދި ނުލިބުނަސް ކުރިއަށް އޮތްތާނގަ ލިބޭނެ ކަމުގެ ޔަގީންކަން ދީފައި ވަނީ. އުންމީދުކުރަނީ ލިބޭނެ ކަމަށް." އޭނާ ބުންޏެވެ.

އޭނާ ބުނީ މަސައްކަތް ފެށީ މަދު ޒުވާނުން ކޮޅަކާއެކު ނަމަވެސް މިހާރު ވަރަށް ގިނަ ޒުވާނުން އެ މަސައްކަތުގައި އުޅޭ ކަމަށާއި އަމިއްލަ ފަރާތްތަކާއި ރަށުގެ ވިޔަފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. ދަނޑުގެ މަސައްކަތް އެއްކޮށް ނިމޭއިރު ދިގު މިނުގައި 600 ފޫޓު ހުންނާނެ ކަމަށާއި ފުޅާ މިނުގައި 500 ފޫޓު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.