ހަބަރު

ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށްގެން ފްލޫ ކްލިނިކްތަކެއް ހުޅުވަނީ

Sep 30, 2015

ހައްޖުގެ އަޅުކަމުން އެނބުރި އަންނަ ހައްޖާޖީންގެ އެކި ބަލިތަކަށް ފަރުވާދޭ "ފްލޫ" ކްލިނިކްތަކެއް ރާއްޖޭގެ އެކިހޮސްޕިޓަލްތަކުގައި ގާއިމްކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން މިގޮތަށް ނިންމީ ކޮންމެ އަހަރެއްގެވެސް ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިން މާލެއަށް އެނބުރި އަންނަ އިރު އެމީހުންނަށް އެކި ކަހަލަ ބަލިތައް ޖެހޭކަން ފާހަގަވާތީ، އެފަދަ ބަލިތަކަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހޮސްޕިޓަލްތަކުގައި ގާއިމްކުރާ އެ ކްލިނިކްތަކުން، ހުމާއި ރޯގާގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ދިމާވާ ކުދި މައްސަލަތަކަށް ފަރުވާދޭނެ އެވެ. އަދި ފަރުވާ ހޯއްދަވާ ފަރާތްތަކަށް ނަމްބަރު ނަގައިންގެން މަޑުކުރުމެއް ނެތި، ސީދާ ޑޮކްޓަރަށް ދައްކައިގެން އަވަހަށް ފަރުވާ ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މިނޫން ގަޑިތަކުގައިވެސް މަތީގައިވާ އަލާމާތްތަކާއެކު ޑޮކްޓަރަށް ދަށްކަވަން ޖެހިއްޖެނަމަ، ހޮސްޕިޓަލްތަކުގެ ކައުންޓަރަށް ބަލީގެ އަލާމާތްތައް ކިޔައިދިނުމަށްފަހު ހައްޖުން އެނބުރި އައި ފަރާތެއްކަން އެންގުމުން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރޯގާއާއި ހުން ނޫނަސް ނޭވާހިއްލުމާއި ހާސްވުން ފަދަ ކަމެއް ހުރިއްޔާވެސް ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ފަރުވާ ހޯދަން ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.