ހަބަރު

އދގެ ވޯކިން ގްރޫޕުން މައްސަލަ ނިންމީ ނަޝީދާ އެއްކޮޅަށް، އެކަން ސަރުކާރުން ގަބޫލެއް ނުކުރޭ

Sep 30, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އުސޫލުތަކާ ހިލާފު ކަމަށް އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިއުޖީއޭޑީ)އިން ނިންމައިފި އެވެ. އެހެން ނަމަވެސް އެ ނިންމުން ގަބޫލު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އދ ގެ ވޯކިން ގްރޫޕަށް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ނިންމި ގޮތް މި މަހުގެ 17 ވަނަ ދުވަހު ދިވެހި ސަރުކާރާ ހިއްސާ ކޮށްފައިވާތީ އެކަން ހާމަ ކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ނަޝީދާ އެއްކޮޅަށް ވޯކިން ގްރޫޕުން ނިންމި ނަމަވެސް، އެ މައްސަލައިގައި ސަރުކާރުން ފާހަގަ ކުރި ކަންތައްތަކަށް ރިއާޔަތްކޮށްފައި ނެތުމުން އެ ނިންމުން ބަލައި ނުގަންނަ ކަމަށެވެ.

ނަޝީދުގެ މައްސަލަ އަކީ ޝަރުއީ ދާއިރާގައި އޮތް މައްސަލައަކަށް ވުމުން އެކަމުގެ ތެރެއަށް ސަރުކާރަށް ނުވަދެވޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އަދި ބުނެފައި ވަނީ ޑަބްލިއުޖީއޭޑީ އަށް ނަޝީދު ހުށަހަޅުއްވާ އެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދޭނީ ރާއްޖޭގެ ކޯޓުތަކުގެ މަރުހަލާތަކުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ކޯޓުތަކުގެ މަރުހަލާ އިން އެކަމަށް ހައްލެއް ހޯދުމަށް ނަޝީދަށް ފުރުސަތު އޮތް ކަމަށް ވެސް ސަރުކާރުން ގަބޫލު ކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ނަޝީދުގެ މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން ޕީޖީ އަމިއްލަފުޅަށް މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެހެން ނަމަވެސް ނަޝީދު ގެންދަވަނީ މައްސަލަ އިސްތިއުނާފު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

 ސަރުކާރުން ބުނީ އެ ނިންމުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މައްޗަށް އަމަލު ކުރަން ނުޖެހޭ ނިންމުމަކަށް ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ވެސް ބުންޏެވެ. ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނީ މުއައްސަސާތައް ހަރުދަނާކޮށް ގާނޫނީ ވެރިކަމެއް އުފެއްދުމަށް ކަން ފާހަގަ ކުރަމުން، މިފަދަ ދަނޑިވަޅެއްގައި އދ ގެ ވޯކިން ގްރޫޕުން އެފަދަ ނިންމުމެއް ނިންމުމުން އެކަމުގައި ސަރުކާރުން ވަނީ ސުވާލުތައް ވެސް ފެންމަތިކޮށްފަ އެވެ.