ފިނިޕޭޖް

މަޝްހޫރު ކޯރިއޮގްރާފަރު ސަރޯޖް ޚާން މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޯރިއޮގްރާފަރު ސަރޯޖް ޚާން މަރުވެއްޖެ އެވެ. ހުކުރު ވިލޭރޭ އޭނާ މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ.

ސަރޯޖް، 71، ގެ އަސްލު ނަމަކީ ނިރްމަލާ ނާގްޕާލް އެވެ. ހިންދީ ފިލްމު އިންޑަސްޓްރީއާ އޭނާ ގުޅުނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. "ނަޒްރާނާ" ގައި ޝިޔާމާގެ ކުޑައިރުގެ ރޯލު ކުޅެފައިވަނީ ސަރޯޖް އެވެ. އަދި ފަހުން ބެކްގްރައުންޑް ޑާންސަރެއްގެ ގޮތުގައި 1950 ގެ އަހަރު ތަކުގައި މަސައްކަތް ކުރި އެވެ. ބިމަލް ރޯއީގެ "މަދޫމަތީ" ގެ ލަވައެއްގައި ވެސް ޑާންސް ޑައިރެކްޓަރު ބީ.ސޯހަންލާލްގެ އިރުޝާދުގެ ދަށުން ސަރޯޖް ނަށާފައި ވެއެވެ.

ފަހުން އޭނާ މަސައްކަތްކުރީ އެސިސްޓެންޓް ކޯރިއޮގްރާފަރެއްގެ ގޮތުގަ އެވެ. ކޯރިއޮގްރާފަރެއްގެ ގޮތުގައި އެންމެ ފުރަތަމަ އޭނާއަށް ފިލްމެއްގައި މަސައްކަތް ކުރަން ލިބުނީ 1974 ގައި ރިލީޒްކުރި "ގީތާ މޭރާ ނާމް" ގައެވެ. ނަމަވެސް ނެށުންތައް ފަރުމާ ކުރުމުގައި އޭނާގެ ހުރި ކުޅަދާނަކަން ފާހަގަ ކުރެވުނީ 1987 ގައި ރިލީޒްކުރި "މިސްޓަ އިންޑިއާ" ގައި ޝްރީދޭވީ ނަށާފައިވާ "ހަވާ ހަވާއީ" ގެ ނެށުމުގެ ފުރިހަމަ ކަމުންނެވެ.

އޭގެ ފަހުން ޝްރީދޭވީގެ "ނާގީނާ" އާއި "ޗާންދުނީ" ގެ ލަވަތައް ވެސް ސަރޯޖް ވަނީ ކޯރިއޮގްރާފް ކޮށްދީފަ އެވެ.
މޮޅު ނެށުންތެރިއެއްގެ ގޮތުގައި ބަތަލާ މާދުރީ ޑިކްޝިޓް އަށް ލިބިފައިވާ މަޝްހޫރު ކަމުގެ ފަހަތުގައި ވެސް ވަނީ ސަރޯޖް އެވެ. މާދުރީއަށް އެންމެ މޮޅު މަގްބޫލެއް ލިބުނު "ތޭޒާބް" ގެ "އޭކް ދޯ ތީން" ލަވަ އަކީ ވެސް ސަރޯޖް ކޮރިއޮގްރާފް ކޮށްފައިވާ ލަވަ އެކެވެ.

އޭގެ ފަހުން މާދުރީ ނަށާފައިވާ މަޝްހޫރު ގިނަ ލަވަތަކެއް ސަރޯޖް ކޮރިއޮގްރާފް ކޮށްފައި ވެއެވެ. "ތާނޭދާރް"ގެ 'ތައްމާ ތައްމާ ލޯގޭ' އާއި "ސައިލާބް"ގެ "ހަމްކޯ އާޖް ކަލް ހޭ އިންތިޒާރު'، އަދި "ބޭޓާ"ގެ 'ދަކް ދަކް ކަރްނޭ ލަގާ" މިއީ މިހާތަނާ ޖެހެން ދެން ވެސް އެ ލަވަތަކުގެ ނެށުމުގެ މޮޅުކަމުން ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ލަވަ ތަކެކެވެ.
މީގެ އިތުރަށް ވެސް "ޑަރް"، "ބާޒީގަރް"، "މޮހްރާ"، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ"، "ޕަރްދޭސް" ފަދަ މަޝްހޫރު ގިނަ ފިލްމުތަކެއްގެ ނެށުންތައް ކޯރިއޮގްރާފްކޮށްފައިވަނީ ސަރޯޖް އެވެ.

ސާޅީސް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ ސަރޯޖްގެ ފިލްމީ ކެރިއަރުގައި 2000 އަށް ވުރެ ގިނަ ލަވަ ކޯރިއޮގްރާފް ކޮށްފައި ވެއެވެ. އަދި ތިން ފަހަރަށް ނެޝަނަލް އެވޯޑު އޭނާއަށް ލިބިފައި ވެއެވެ. އެއީ "ދޭވްދާސް" އާއި "ޖަބް ވީ މެޓް" އަދި ތަމަޅަ ފިލްމު "ސްރިންގްރަމް"ގެ ލަވަތަކަށް އޭނާ ތައްޔާރު ކުރި ނެށުން ތަކަށެވެ. ފިލްމްފެއާ އެވޯޑު ވެސް ވަރަށް ގިނަ ފިލްމުތަކުން ސަރޯޖަށް ލިބިފައި ވެއެވެ. އޭގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ގުރޫ"، "ކަލްނައިކް" އަދި "ޗާލްބާޒް" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ކޯރިއޮގްރާފްކޮށްދީފައިވަނީ 2019 ގައި ރިލީޒްކުރި "ކަލަންކް"ގައި މާދުރީ ނަށާފައިވާ 'ތަބާ ހޯ ގައޭ" ލަވަ އެވެ.

ލަވަތައް ފަރުމާކުރުމުގެ އިތުރުން ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް ބައެއް ފިލްމުތަކުގައި އޭނާ މަސައްކަތް ކުރި އެވެ. އަދި ބައެއް ޑާންސް ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރުކަން ވެސް ކޮށްފައި ވެއެވެ. އެގޮތުން "ބޫގީ ވޫގީ"، "އުސްތާޒޯންކާ އުސްތާޒު"، "ޖަލަކް ދިކްލާޖާ" އަދި "ނަޗް ބަލިޔޭ"ގެ ބައެއް ސީޒަންތަކުގައި ސަރޯޖް ފަނޑިޔާރުކަން ކޮށްދިނެވެ.