ހަބަރު

ގޮވުމުގެ ތަހުގީގަށް އެފްބީއައިގެ އިތުރު އެޖެންޓުން، އިންޑިއާއިން ވެސް ގުޅިއްޖެ

Sep 30, 2015

ރައީސްގެ ދެކަނބަނލުން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ތަހުގީގާ އެމެރިކާގެ އެފްބީއައި ގެ އިތުރު އެޖެންޓުންނާއި އިންޑިއާގެ ހާއްސަ ފޮރެންސިކް ޓީމެއް މިރޭ ގުޅިއްޖެ އެވެ.

ފުލުހުންނާއި ސިފައިންގެ އިތުރަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި މިހާރު ވެސް އެފްބީއައިގެ އެޖެންޓަކާއި ސައުދީ އަރަބިއްޔާގެ ފޮރެންސިކް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ރިޔާސީ ލޯންޗް އާ ރަށުގައި ބާއްވައިގެން ތަހުގީގުތައް ކުރަމުން އަންނަ އިރު، ފުލުހުން ބުނީ އެފްބީއައިގެ ހަތަރު އެޖެންޓެއް މިއަދު ހަވީރު މާލެ އައިސް ތަހުގީގު ޓީމާ ގުޅިފައިވާ ކަމަށެވެ. އިންޑިއާ އެމްބަސީ އިން މިރޭ ހާމަ ކުރި ގޮތުގައި އިންޑިއާގެ ތިން ފޮރެންސިކް އެކްސްޕާޓަކު ވަނީ މާލެ އައިސް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭން ފަށައިފަ އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ ފުލުހުން އެދުނު ކޮންމެ އެހީއެއް އެ ޓީމުން ވދެމުންދާނެ ކަމަށެވެ.

އެ ތަހުގީގުގައި އެހީތެރިވުމަށް ސްރީލަންކާ އާއި އޮސްޓްރޭލިޔާ އިން ވެސް ހުށަހަޅާފައިވެ އެވެ.

ރައީސްގެ ދެކަނބަނލުން ހައްޖުގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން، މާލެއަށް ދަތުރު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވީ، އެ ލޯންޗް ރަސްމީ ފާލަމަށް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެފައިވެ އެވެ.

ސަރުކާރުގެ އެކި އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެ ހާދިސާއަކީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ސަރުކާރުން އަދި ރަސްމީ ގޮތުން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.