ރައްޔިތުންގެ މަޖިލިސް

ބޮޑުފިނޮޅު ހަމަނުޖެހުން މަޖިލީހުން ބަލަނީ

ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

ބިދޭސީން ވަނީ 12 ދިވެހިން ރަހީނުކޮށްފައެވެ.

އެ މީހުން ސަލާމަތް ކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމަށް ބިދޭސީން ހުރަސްއަޅާ ބިރުދައްކާފައިވެއެވެ. އެކަމުގެ ސަަބަބުން މާލެއިން ފުލުހުންގެ ބޮޑު ޓީމެއް ވަނީ އެ ރަށައްގޮސް ދިވެހިން ސަލާމަތްކޮށްފައެވެ. ނަމަވެސް ފަހުން އިތުރު ހަމަނުޖެހުމެއް ނުހިނގައެވެ.

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ދެން އެންމެ އަވަހަށް ބޭއްވޭ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއްދީގެން ބަލަމުން އަންނަ މައްސަލައެއް. އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ،" އުޝާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާއާމެދު ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި މަޖިލީސް މެންބަރުންވެސް ވަނީ އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަން ފާލުންނައްޓާ މުޅި މުޖްތަމައުގެ އަމާން ކަމަށް ހުރަސްނޭޅެނީސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ހަރަކާތްތެރިވެ ނަމޫނާ ދައްކަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

"ވަޒީފާއާ ބެހޭ ގާނޫނުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވޭ،"

ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލާގައި 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓާއި ތަހުގީގީ ޓީމް އެ ރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.