ހަބަރު

ދެންވެސް ހުންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި: މެޑަމް ފާތުން

Oct 1, 2015
1

ރިޔާސީ ލޯންޗްގައި ހިނގި ހާދިސާއަށް ފަހު، ދެންވެސް ހުންނާނީ ހިތްވަރާ އެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށް ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެ ހާދިސާގައި ބުރަކަށީގެ ބައެއް ކަށިތަކަށް ލިބުނު ގެއްލުންތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މެޑަމް ފާތުން އެކަމަނާގެ ފޭސްބުކް ޕޭޖްގައި އާންމު ކުރެއްވި ކުރު ބަޔާނުގައި މެޑަމް ވަނީ ބިރުވެރި ހާދިސާގައި ފުރާނަ ސަލާމަތް ކުރެއްވި ކަމަށް ޓަކައި ﷲ ގެ ހަޒްރަތަށް ހަމްދާއި ޝުކުރު ދަންވައިފަ އެވެ. އަދި އެކަމަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ހެޔޮ ދުއާކޮށް ހަމްދަރުދީގެ ޝުއޫރުތައް ފާޅު ކުރެއްވި ހުރިހާ ފަރާތްތަކަށް އެކަމަނާ ވަނީ ބަޔާނުގައި ޝުކުރު ދަންނަވައިފަ އެވެ.

"ﷲގެ އިރާދަފުޅާއި އެކު ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރުމުގައި ދެންވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އެކަމަނާގެ ބަޔާނުގައިވެ އެވެ.

ރިޔާސީ ލޯންޗްގައި ހިނގި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ، އެކަމަނާއަށެވެ. މެޑަމް ފާތުން އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ގިނަ އެހީތަކެއް ވެދެއްވައި އެހެން ވެސް ބައެއް ސޯޝަލް މަސައްކަތްތައްކުރައްވާ ބޭކަނބަލެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ޒިޔާރަތް ކުރެއްވުމާއި ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންނަށް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރައްވައި އެހީތެރިވެ ވަޑައިގެންފައިވެ އެވެ. އަދި ރައީސްގެ އެކި މަސައްކަތްޕުޅުތަކުގައި ވެސް އެކަމަނާ އަންނަނީ އިސްދައުރެއް އަދާ ކުރައްވަމުންނެވެ.

މެޑަމްގެ އިތުރުން ދެން އެ ހާދިސާގައި ގެއްލުންވީ، ރައީސްގެ ސެކްރެޓަރީ އަށާއި ބޮޑީ ގާޑަކަށެވެ. އެ ހާދިސާ މިހާރު އަންނަނީ ސިފައިންނާއި ފުލުހުން އަދި ތިން ގައުމެއްގެ ފޮރެކްސިކް އެކްސްޕާޓުންގެ އެހީއާ އެކު ތަހުގީގު ކުރަމުންނެވެ.