މިދައުރުގައި އަންހެން ފުޓްބޯޅަ ލީގެއް ފަށާނެ ކަމުގެ ޔަގީން ދެއްވާ ކަމަށް، އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ފަހު ބައްސާމް ވިދާޅުވީ މިދިޔަ ދައުރުގައި އެންމެ ބޮޑަށް ކުރައްވަން ބޭނުންވި ކަންތައްތަކުގެ ތެރެއިން ނުކުރެވި ދިޔަ އަދި އެކަމަކާ މެދު އެންމެ ބޮޑަށް ހިތާމަ ކުރައްވާ ކަމަކީ އަންހެން ފުޓްބޯޅަ ލީގެއް ފެށިފައި ނުވުން ކަމަށެވެ. މިދިޔަ ދައުރުގައި ވަނީ އަންހެން ފުޓްސަލް މުބާރާތެއް ބާއްވާފަ އެވެ.
އަންހެން ފުޓްބޯޅަ ތަަރައްގީ ކުރުމަކީ މިދިޔަ ދައުރުގައިވެސް ބައްސާމްގެ ބޮޑު ވައުދެކެވެ. ގައުމީ އަންހެން ޓީމުން ވަނީ މިދިޔަ ދެ އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ސިންގަޕޫރުގައި ބޭއްވި މުބާރާތުން ގައުމީ އަންހެން ޓީމު ތިން ވަނަ ހޯދި އެވެ. އަދި މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.
ބައްސާމް ވިދާޅުވީ މި ދައުރުގައި ޑިވްލަޕްމެންޓްގެ މަސައްކަތް ކުރަނީ ދެ ޖިންސަށްވެސް އިސްކަން ދީގެން ކަމަށެވެ.