ހަބަރު

އައިއެސްގެ ނުފޫޒު ރާއްޖޭގައި އަންނަނީ ގަދަވަމުން: އިންޑިއާގެ ޖާސޫސީ އިދާރާ

Oct 1, 2015
1

ރާްއްޖެއާއި ބަނގްލަދޭޝްގައި އައިސިސްގެ ނުފޫޒު އިތުރުވަމުންދާކަމަށް އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ) އިން ހާމަކޮށްފި އެވެ.

ރޯ އިން ކުރި ދިރާސާ ރިޕޯޓަކާއި ހަވާލާދީ އިންޑިއާގެ "ކެޗް" ނޫހުން ބުނެފައިވަނީ، އައިސިސްއާ ގުޅުންހުރި އެއްވެސް ހަރަކާތެއް އިންޑިއާގައި ހިނގާތޯ ވަރަށް ކައިރިން ބަލަމުންދާ އިރު، އެފަދަ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. ރާއްޖެ އާއި ބަގްލަދޭޝްގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެ ރިޕޯޓްގައިވާ ކަމަށް އެ ނޫން ބުނީ، އަވަށްޓެރި ބަނގްލަދޭޝް އާއި ރާއްޖޭގައި އައިސިސްގެ ހަރަކާތްތައް އިތުރުވަމުންދާކަމަށެވެ.

"..އިންޓެލިޖެންސުގެ ރިޕޯޓުތައް ބުނާގޮތުން އައިސިސްގެ ހަރަކާތްތައް އަވައްޓެރި ރާއްޖެއާއި ބަގްލަދޭޝްގައި ދަނީ އިތުރުވަމުން. އެކަން ވަރަށް ގާތުން ބަލަމުން އަޅުގަނޑުމެން މި ގެންދަނީ، ރާއްޖެއިން އިރާގާއި ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންނަކީވެސް ފަހަރެއްގައި އައިސިސްއާ ގުޅިގެން ދިޔަ މީހުން،" ރޯގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ އިދާރާއިން ބުނިގޮތުގައި އައިސިސްގެ ނުފޫޒު އިންޑިއާއިން ވަނީ ކަނޑުވާލެވިފަ އެވެ. އެކަން ކާމިޔާބުވީ އެގައުމުގެ ހޯމް މިނިސްޓަރު ރާޖްނަތު ސިންގް އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތުން ކަމަށް ރޯ އިން ބުނެފައިވެ އެވެ.

ކެޗް ނޫހުން ބުނީ މިދިޔަ އޮގަސްޓުގެ ނިޔަލަށް އިންޑިއާއިން އައިސިސްގެ ގުރޫޕުތަކާއި ގުޅުނު ކަމަށް ލަފާކުރެވެނީ 13 މީހުން ކަމަށެވެ. އަދި އޮންލައިންކޮށް އައިސިސްއަށް މީހުން ހޯދަން މަސައްކަތްކުރި އަންހެނަކުވެސް ވަރަށް ފަހުން އެގައުމުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރޯ ގެ ކުރީގެ އިސް ވެރިޔާ އޭ. އެސް. ދޫލަތު އިންޑިއާގެ ޑެއިލީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާތަނަށް އިންޑިއާގެ މުސްލިމް އާބާދީއަށް އައިސިސްގެ ނުފޫޒު ފެތުރިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އަވައްޓެރި ގައުމުތަކުގައި އައިސިސްގެ ބިރު އިތުރުވަމުންދާނަމަ، އެކަން ވަރަށް ގާތުން ބަލަން ޖެހޭ ކަމަށާއި އައިސިސް ފަދަ ޓެރަރިސްޓް ގްރޫޕް ތަކަށް އެމީހުންގެ ހަރަކާތްތައް ފަތުރޭނެ ހުރިހާ މަގެއް ބަންދުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ދޫލަތު ވިދާޅުވި އެވެ.