ހަބަރު

"ފްލެޓަށް ވަދެވޭނީ އަށް މަސް ފަހުން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓްތަކަށް ވަދެވޭނީ، އަށް މަސް ފަހުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސެކަންޑް ފޭސްގައި 6720 ފްލެޓް އަޅާފައިވާއިރު އެތަންތަނުގެ ފިނިޝިން ބައެއް މަސައްކަތްތައް ކުރަން ހަމަޖައްސާފައި ނެތް ކަމަށް ކޮންޓްރެކްޓުގައިވާ ކަމަށެވެ. އެގޮތުން، އިންޓީރިއާ އާއި ޓައިލްސް އަދި ލައިޓުވެސް ހަރުކުރުން ކޮންޓްރެކްޓުގައި ނުހިމެނޭ ކަމަށާއި ސެކަންޑް ފޭސް އަށް ކަރަންޓާއި ފެނުގެ ހިދުމަތް ދޭންވެސް ވަގުތު ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ކަރަންޓު ދިނުމަށް ހަތް މަށް އަދި ފެން ފޯރުކޮށްދިނުމަށް އަށް މަސް ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ހިދުމަތްތަކަށްފަހު ފްލެޓްތަކަށް ވަދެވޭނީ އަށް މަސް ފަހުން ކަމުގައި ފާހަގަ ކުރެއްވި އެވެ.

"ކޮންޓްރެކްޓު ކުރެވިފައި ވަނީ ދެ އަހަރު ތެރޭގައި މަސައްކަތް ނިންމުމަށް، އެހެންނަމަވެސް ނުނިމި ހުރި މަސައްކަތް ތަކުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އަޅުން ކަރަންޓު އަދި ފެން މީޓަރު ހަރު ކުރުން އެއީ ކޮންޓްރެކްޓަރާއެކު ކުރެވިފައިހުރި މަސައްކަތް. އެ މަސައްކަތް ނިންމުމަށް އެޗްޑީސީ އަށް ކޮންޓްރެކްޓަރު ދޭ މުއްދަތަކީ އަދި އަށްމަސް ދުވަސް. މީގެން ތަނަކަށް މީހަކަށް ވަދެވޭނީ އަދި މީގެ އަށް މަސް ފަހުން" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، 6720 ފްލެޓް ވެރިފައި ކުރުމަށްފަހު ޖުލައި މަހުން ފަށައިގެން ކެޓަގަރީތައް ނިމެމުން ދާއިރު އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މުޅި އެކު ހުރިހާ ކެޓަގަރީތައް ވެރިފައި ކުރުމަށްފަހު އެއްކޮށް އިއުލާންކޮށް ނިމޭނީ، މި އަހަރު ސެޕްޓެމްބަރު ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.

"ރިޕޯޓުތަކުން ދައްކަނީ ޖުމްލަ ލިބިފައި އޮތީ 25،240 ފޯމު ކަމަށް. އޭގެ ތެރެއިން 21،000 އެޕްލިކޭޝަން ފޯމު ވަނީ އެކްސެސްކޮށް ނިމިފައި. ކޮވިޑާ ގުޅިގެން މަސައްކަތްތައް ލަސްވެ ފަސްޖެހިފައިވަނީ. 6720 ފްލެޓަށް އެލިޖިބަލްވާ ފަރާތްތަކުގެ ލިސްޓު އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރު ހިސާބުގައި" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.