ހަބަރު

މެންބަރު ރިޒާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

Jul 6, 2020
2

ބިދޭސީންތަކެއް ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި ރިޒް ކުންފުނީގެ ވެރިޔާ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ނަމަވެސް ރިޒާއާ ސުވާލުކުރުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.

ބ. ބޮޑުފިނޮޅުގައި އެތައް ބިދޭސީންތަކަށް މުސާރަ ނުދޭތާ ހަތް މަސް ވަނީ ވެފަ އެވެ. އަލީ ރިޒާ ވެސް އެކަމަށް އިއުތިރާފުވެފައިވެ އެވެ. މުސާރައިގެ މައްސަލާގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގާފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރެ އެވެ. އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެ އެވެ.

މީގެއިތުރުން ރިޒާގެ ރިޒް ކުންފުނިން ގެންގުޅޭ ބިދޭސީންނަށް މުސާރަ ނުދީ މާލެ ތެރެއަށް ދޫކޮށްލާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.