ހަބަރު

ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލުކުރުން ލާޒިމެއް ނޫން: ފޮރިން މިނިސްޓްރީ

Oct 1, 2015
1

ވަކި މީހަކަށް ވާތީ، ޝަރުއީ ދާއިރާގައި ހިނގަމުންދާ މައްސަައެއްގެ ތެރެއަށް ތިންވަނަ ފަރާތަކުން ވަނދެ ނުފޫޒު ފޯރުވަން ރާއްޖެއިން ޖާގަ ނުދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ. އަދި ޑަބްލިއުޖީއޭޑިގެ ނިންމުމަށް އަމަލު ކުރަން ރާއްޖޭގެ މައްޗަށް ލާޒިމް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިއުޖީއޭޑީ) އަށް ރައީސް ނަޝީދުގެ އާއިލާއިން ހުށަހެޅި ޝަކުވާއަށް އެ ޖަމިއްޔާއިން ތާއީދު ކުރުމާއި ގުޅިގެން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ މައްސަލައަކީ ކޯޓުތަކުން ފައިސަލާކޮށް ނިންމަންޖެހޭ މައްސަލަޔަކަށް ވާތީ އެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދޭނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ މަރުހަލާތަކުގެ ތެރެއިން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޑަބްލިއުޖީއޭޑީ އަކީ އދ ގެ ބްރާންޗެއް ނަމަވެސް ގައުމެއްގެ ދާހިލީ ކަމެއްގައި ވަކި ގޮތަކަށް އަމަލު ކުރަން މަޖުބޫރު ކުރެވޭނީ އދ ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އަދި ވަކި ބޮޑީއެއްގެ ނިންމުމެއްގެ ސަބަބުން، ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް ރާއްޖެ އަށް ކުރިމަތި ނުކުރުވޭނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ މައްސަލަ ރާއްޖޭގައި މިހާރުވެސް ކުރިއަށް ދާތީ ޑަބްލިއުޖީއޭޑީ ގެ ލަފަޔަށް އިޖާބަދެވޭކަށް ނެތް. އެކަން އެގޮތަށް ކޮށްފިނަމަ ވާނީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ޝަކުވާއާ އެއްގޮތަށް ޝަރުއީ މައްސަލައެއްގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަށް،" މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީ އިން ބުނީ، އެ ނިންމުމާ ގުޅިގެން އެ ގްރޫޕާ ވާހާކަ ދައްކަން ރާއްޖެ އިން ތައްޔާރަށް އޮތް ކަމަށެވެ. އަދި ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެހާ އަވަސް އަރުވާލައިގެން ނަޝީދުގެ މައްސަލަ އެ ގްރޫޕުން ނިންމުމުން ސުވާލުތައް އުފެދޭ ކަމަށް ވެސް މިނިސްޓްރީ ބުނެފައިވެ އެވެ. އަދި ރާއްޖެއިން ހުށަހެޅި އެތައް ނުގުތާއަކަށް މައްސަލަ ނިންމުމުގައި އެ ގްރޫޕުން ރިއާޔަތް ކޮށްފައި ނެތް ކަން ވެސް ރާއްޖެއިން ފާހަގަ ކޮށްފައިވެ އެވެ.