ހަބަރު

ވޯކިން ގްރޫޕްގެ ނިންމުމަށް ބޯ ނުލަބާ ނަމަ ރާއްޖެ ދައްކަން ޖެހޭ އަގު ބޮޑުވާނެ: އެމްޑީޕީ

Oct 1, 2015
1

އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ނިންމި ގޮތަށް ނަޝީދު ދޫކޮށް ނުލައިފި ނަމަ، އެކަމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިން ދައްކަން ޖެހޭ އަގު ބޮޑުވާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެ ނިންމުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ އަހުމަދު ތަސްމީން އަލީ ވިދާޅުވީ ނަޝީދުގެ މައްސަލަ އދ އަށް ހުށަހެޅުނީ ވެސް، އދ ގެ ބޮޑީތަކުން ކަންކަމުގައި ނިންމާ ގޮތްތަކަށް ރާއްޖެ ބޯލެބުމަށް އެއްބަސްވެފައިވާތީ އެވެ. އަދި އދ ގެ ކަމާ ގުޅޭ ބޮޑީ އިން ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމަކީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނުމުން އެއީ މުޅި އދ ގެ ބަސް ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި އެ ނިންމުން އދ ގެ އެހެން ބޮޑީ އަކުން ބަދަލު ކުރުމަކީ އދ ގައި އޮންނާނެ އުސޫލެއް ނޫން ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި އެކަމަށް އަމަލު ނުކޮށްފި ނަމަ، ރާއްޖެއަށް ދެން އޮތީ ދަތިކުރުމުގެ ފިޔަވަޅުތަކަކާ ކުރިމަތިލުން ކަމަށް ތަސްމީން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދައްޗެއްގެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހޭ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އެ ނިންމުން ދެން ބަދަލެއް ނުވާނެ. އެއޮތީ ޔޫއެންއިން ނިންމާފައި ނަޝީދުގެ މައްސަލައިގައި ގޮތެއް. ދެން އެ ނިންމުން ބާތިލްކޮށް މިކަހަލަ ކަންކަމެއް ނުކުރެވޭނެ. ދެން އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާ. އެކަމަށް ދެން ވަގުތު ނަގާނެ. އެކަމަކު އެ ބޭފުޅުން ފިޔަވަޅު އަޅާނެ،" ތަސްމީން ވިދާޅުވި އެވެ. "މި ކަން ގަބޫލު ނުކޮށްފި ނަމަ ރައްޔިތުންނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭނެ. ވިޔަފާރިވެރިންނަށް އަގު ދައްކަންޖެހޭނެ،"

ތަސްމީން އެހެން ވިދާޅުވި ނަމަވެސް، ފޮރިން މިނިސްޓްރީ އިން ރޭ ބުނެފައި ވަނީ އެ ނިންމުމަށް އަމަލު ކުރުން ރާއްޖެ އަށް ލާޒިމް ނޫން ކަމަށެވެ. އަދި އެ ނިންމުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިނގަމުން އަންނަ މައްސަލައަކަށް ވާތީ، އެ ނިންމުމާ ގުޅިގެން އެ މައްސަލައިގެ ތެރެއަށް ރާއްޖެ އަށް ވަނުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ޔޫއެންގެ ވަކި ބޮޑީއަކުން ކަމެއްގައި ގޮތެއް ނިންމުމަކީ ގައުމަކަށް އެއަށް އަމަލު ކުރުން މަޖުބޫރު ކުރުވޭނެ ކަމެއް ނޫނެވެ. އަދި ގައުމެއްގެ މައްޗަށް ކަމެއް މަޖުބޫރުކޮށް، އެކަމެއް ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އދ އިން އަޅާނީ، ސެކިއުރިޓީ ކައުންސިލުން ނިންމައިިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީގެ މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުން ރައްޔިތުންނާ މެދު ވިސްނަންވީ ވަގުތު މިހާރު އައިސްފި ކަމަށެވެ. އަދި އެމްޑީޕީ އިން ކަންބޮޑުވަނީ އދ ގެ ނިންމުންތަކަށް ސަރުކާރުން ބޯ ނުލެބުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ދަތިތައް ކުރިމަތިވެދާނެތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ގޮތް ދޫކުރައްވައި ރައްޔިތުންނާ މެދު ވިސްނުމަށް އަޅުގަނޑުމެން ރައީސް ޔާމިން އަށް އިލްތިމާސްކުރަން،" މާރިޔާ ވިދާޅުވި އެވެ.

އިމްތިޔާޒް ފަހުމީ ވިދާޅުވީ ނަޝީދަކީ އެންމެ ފަރުދެއް ނޫން ކަމަށެވެ. އެއީ އެތައް ލައްކަ ބައެއްގެ އުންމީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ވީމާ ނަޝީދުގެ މައްސަލައަކީ އެތައް ބައެއްގެ ހައްގު އޭގައި ހިމެނޭ ކަމެއް ކަން އިންތި ފާހަގަ ކުރެއްވި އެވެ. އިންތި ވިދާޅުވި ގޮތުގައި ސަރުކާރުން އދ ގެ ވޯކިން ގްރޫޕްގެ ނިންމުމަށް ބޯ ނުލަބައިފި ނަމަ، ގާނޫނޫނާ ހިލާފަށް ނަޝީދުގެ ހައްޔަރުގައި ހުންނަ ހުރުމަށް ބަދަލު ހޯދުމަށް އެ ޕާޓީ އިން މަސައްކަތް ކުރާނެ އެވެ. އެކަމަކު އެއީ ކޮން ގޮތަކުން ކަމެއް އިންތި ވިދާޅެއް ނުވެ އެވެ.

އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އދ ގެ ނިންމުންތައް ސަރުކާރުން ބޮލާލާ ޖަހާނަމަ މަގުމަތީ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު ބޮޑު އެއްވުމަކަށް އެ ޕާޓީ ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ހުކުމް އުސޫލުތަކާ ހިލާފު ކަމަށް އދ ގެ ވޯކިން ގްރޫޕުން ނިންމި ނިންމުން ސަރުކާރުން ގަބޫލު ނުކުރަން ނިންމީ، އެ މައްސަލައިގައި ސަރުކާރުން ހުށަހެޅި ގިނަ ނުގުތާތަކަށް އެ ގްރޫޕުން ރިއާޔަތް ކޮށްފައި ނުވާތީ އެވެ. އަދި އެ ޖަމްއިއްޔާ އިން ނިންމި ގޮތަށް ސަރުކާރުން އަމަލުކޮށްފި ނަމަ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަން ޖެހޭނެ ތީ އެއީ ރާއްޖޭގެ ގާނޫނު އަސާސީ އިން ހުއްދަ ކުރާ ކަމަކަށް ނުވާތީ އެވެ. އަދި އެ މައްސަލައިގައި ޝަރުއީ ދާއިރާ އިން ނަޝީދުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން އަދިވެސް ފުރުސަތު އޮތުމުން އެއީ ސަރުކާރުން ބެހެން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ނަޝީދު ދެކޮޅު ހައްދަވަން ފެށުމުން ޕީޖީ ވަނީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްފަ އެވެ. ނަޝީދު ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އޭނާގެ އާއިލާއާ އެކު ދަންވަރު ގޭގައި އުޅުއްވަނިކޮށް ސިފައިން ފޮނުވައިގެން ހައްޔަރުކޮށް އެތައް ދުވަހެއް ވަދެން ސިފައިންގެ ޓްރޭނިން ސެންޓަރު ގިރިފުށީގައި ބެހެއްޓި މައްސަލައިގަ އެވެ. އެގޮތަށް އަމަލު ކުރުމަށް ނަޝީދު އޯޑަރު ކުރެއްވި ކަމަށް ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވެފައިވެ އެވެ.