އިންފޮމޭޝަން ކޮމިޝަނާ

ފެން ކުންފުނިން ވަކިކުރި މީހެއްގެ ތަހުގީގު ރިޕޯޓް ދޫކުރަން އަންގައިފި

Jul 7, 2020

ފެން ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބިނާ ކުރި، އެ ކުންފުނީގެ އޮޑިޓް އެންޑް ރެމިއުނެރޭޝަން ކޮމިޓީގެ ތަހުގީގީ ރިޕޯޓު އެ މުވައްޒަފަށް ދޫކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ކަނޑައަޅުއްވައިފި އެވެ.

ކޮމިޝަނާ މި ގޮތަށް ނިންމެވީ ފެން ކުންފުނީގެ ވަޒީފާއިން ލ. ގަން، ނޫވިލާގޭ މޫސާ ނަސީމް ވަކިކުރިކަން އަންގަން ފޮނުވި ސިޓީގައި ހަވާލާދީފައިވާ އޮޑިޓް ކޮމިޓީގެ ރިޕޯޓު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ހުށަހެޅި ފޯމަށް، 21 ދުވަސް ހަމަވިއިރު ވެސް އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެކަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުއްވުމުން އެ މައްސަލައިގެ މައްޗަށް އަޑުއެހުމެއް ބޭއްވުމަށް ފަހު އެވެ.

ވާޗުއަލްކޮށް ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި އެމްޑަބްލިއުއެސްސީ ވަނީ އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާ ފަދަ "ދައުލަތުގެ އިދާރާ" އެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެހެން ކަމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނަސީމް ހުށަހެޅުއްވި މައްސަލައިގައި ޖަވާބުދާރީވެ މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދެފަރާތުގެ ވާހަކަ އަޑުހުމަށް ފަހު ކޮމިޝަނާ ފިޔާޒު ނިންމެވީ، އެމްޑަބްލިއުއެސްސީއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކުންފުންޏަކަށް ވުމާއި، އަދި މިހާތަނަށް އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބަލަމުން އައި ތަނަކަށް ވުމާއި، އެ ކުންފުނިން އިންފޮމޭޝަން އޮފިސަރަކު ވެސް ކަނޑައަޅާފައި ވުމާއެކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ވެސް ޖަވާބުދާރީވެފައިވާ ކުންފުންޏަކަށް ވުމާއެކު އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ފަދަ ދައުލަތުގެ އިދާރާއެއް ކަމަށްވާތީ މޫސާ ނަސީމް އެދިފައިވާ މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ވެސް މޫސާ ނަސީމަށް ކަށަވަރުވެގެން ދަނީ އޭނާއާމެދު އެޅި ފިޔަވަޅު ބިނާކުރި ގޮތުގެ ރިޕޯޓު ލިބިގެން ކަމާއި އަދި އެއީ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ކުރެވޭނެ ފަދަ މައުލޫމާތެއް ނޫން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހަސަން ޝާހު އެވެ. އޭނާ ކުރިން ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގަ އެވެ. އެ މަގާމުގައި އޭނާ ހުންނެވި އިރު މީހަކު އެ ކުންފުނީގެ މައުލޫމާތެއް ހޯދަން ކޮމިޝަނަށް ހުށަހެޅުމުން ވެސް ބުނެފައި ވަނީ އެމްޓީސީސީއަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ޖަވާބުދާރީވާން ޖެހޭ ކުންފުންޏެއް ނޫން ކަމަށެވެ. ޝާހު ފެން ކުންފުންޏަށް ބަދަލުވުމަށް ފަހު އެ ކުންފުނިން ވެސް ވަނީ މައުލޫމާތު ނުދޭން ނިންމާފަ އެވެ.