ހަބަރު

ދަނޑުވެރިކަމުގެ ބޭސް އުފައްދާނެ ގޮތް ދަނޑުވެރިންނަށް ދަސްކޮށްދެނީ

ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގަސްކާނާ އާއި ބޭސް އުފެއްދުމާއި ބެހޭ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި އެވެ. އެ ޕްރޮގްރާމް ފަށާފައި ވަނީ އިއްޔެ އެވެ.

ދަނޑުވެރިކަމާއި ވެހޭ ވުޒާރާއިން ބުނީ އިއްޔެ ފެށި އެ ޕްރޮގްރާމުގެ ދަށުން ކާދު [ގަސްކާނައިގެ ބާވަތެއް] ތައްޔާރުކުރަން ދަސްކޮށް ދަނޑުވެރިކަމުގައި ކާދު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަޖުރިބާ ހޯދަން ފުވައްމުލަކުގެ ކައުންސިލާއި ދަނޑުވެރިން ހިމެނޭ ޓީމެއް އއ.އުކުޅަހަށް ގޮސްފައިވާ ކަމަށެވެ.

ކާދު ހެދުމާއި އެކަމާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ދަސްކޮށްދޭނީ އުކުޅަހުގައެވެ.

މިއަދުގެ ނިޔަލަށް ކުރާ މި ދަތުރުގައި ދަނޑުވެރިންނަށް މައުލޫމާތު ދޭނީ އުކުޅަހުގައި ކުނި މެނޭޖްކޮށް، ކާދު އުފެއްދުމުގެ މަޝްރޫއު ހިންގާ އިސް ފަރާތްތަކުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ހދ ހަނިމާދޫގައި ވެސް މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށް ވެސް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުންޏެވެ.