ހަބަރު

މާލޭ ގެއެއްގެ ފަސް ވަނަ ބުރިން 11 އަހަރުގެ ކުއްޖަކު ވެއްޓި ސީރިއަސް ހާލަތުގައި

Oct 1, 2015

މާލޭގެ ގެއެއްގެ ފަސް ވަނަ ބުރިން 11 އަހަރުގެ ކުއްޖަކު މަގުމައްޗަށް ވެއްޓި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު އިރުއޮއްސެން އުޅެނިކޮށް ހިނގި އެ ހާދިސާގައި 11 އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ މަޖީދީ މަގުގައި ހުންނަ ކުރެދިވަލުއާގެ ފަސްވަނަ ބުރިން ކަމަށެވެ. އަދި އެ ކުއްޖާ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާދޭން ފަށައިފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް ހޭނެތިފައިވާ އިރު، އަދިވެސް ހޭނާރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ސަރަހަދުގައި ތިބި މީހުން ބުނީ ކާރޫ ބާރޫ ބޮޑު މަޖީދީ މަގަށް އެ ކުއްޖާ ވެއްޓުމާ އެކު އެ ސަރަހައްދުގައި ތިބި މީހުން އެ ކުއްޖާ ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެ ކުއްޖާ މަގުމައްޗަށް ވެއްޓުނުކަން އެނގުނީ ވަރަށް ބާރަށް ބަޔަކު ހަޅޭއްލަވައިގަތް އަޑުއިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަލައިލިއިރު އެ ކުއްޖާ އޮތީ މަގުމައްޗަށް ވެއްޓި ހަރަކާތް ހުއްޓިފައި،" މަންޒަރު ދުށް މީހާ ބުންޏެވެ.