ހަބަރު

އިންސާފުގެ ދިގު ރާސްތާ ކުރުވެއްޖެ: ރިއްފަތު

Jul 8, 2020
2

އަދުލު އިންސާފުގެ ނިޒާމް އިންސާފުވެރިކޮށް ކުރިޔަށް ގެންދިޔުމުގެ ދިގު ރާސްތާ ކުރު ކުރެވިފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ރިއްފަތު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގެ ޒަރިއްޔާއިން ޝަރީއަތް ހިންގަން ފެށުމުން އިންސާފުގެ ދިގު ރާސްތާ ކުރުވެއްޖެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުން ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެނެވެ. އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބެ އެވެ.

އެގޮތުން ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަން ނެތިއްޖެ ނަމަ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެ އެވެ. އަދި ޖޯގްރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތް ކޮށްވެސް އެގޮތައް ޝަރީއަތް ކުރެވިދާނެ ކަމަށް އާ އިސްލާހުން ވަނީ ކަނޑައަޅައިފަ އެވެ.

އެހެން ނަމަވެސް އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒް ނުކުރާނަމަ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.