ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއަށް ފަހު ފަރުވާ ހޯއްދަވަމުން އަންނަ މެޑަމް، ފާތިމަތު އިބްރާހިމްއަށް ހެޔޮ އެދޭ އެތައް ސަތޭކަ ބަޔަކު، އަވަސް ޝިފާއަކަށް އެދި އެކަމަނާއަށް ހުދު ފިނިފެންމާ ވެދުން ކޮށްފި އެވެ.
އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދަވާ އައިޖީއެމްއެޗްގެ އެގްޒެކެޓިވް ވޯޑަށް ޒިޔާރަތްކޮށް ހުދު ފިނިފެންމާ ހަދިޔާކޮށްފައި ވަނީ ޕީޕީއެމްގެ ޒުވާން އެކްޓިވިސްޓުންނާއި ކޯޑިނޭޓަރުންނާއި އެހެން ވެސް ބައެއް ޒުވާނުންނެވެ. މެޑަމް އަށް ހެޔޮ އެދުންތަކާ އެކު ފިނިފެންމާ ހަދިޔާ ކުރަން ގޮސްތިބި ޒުވާނުން ބުނީ އެ މީހުންގެ މަގުސަދަކީ ފަސްޓް ލޭޑީއާ އެކު އެ މީހުން ތިބިކަން ހާމަ ކުރުން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މެޑަމް އަށް ޒިޔާރަތް ކޮށް މާ ހަދިޔާ ކުރުމުން އެކަމުގެ ހިތްހަމަ ޖެހުން އެކަމަނާއަށް ލިބޭނެ ކަމަށް ކިޔޫގައި ތިބި ޒުވާނުން ބުންޏެވެ.
އެ ހަރަކާތުގައި 200 އެއްހާ ސަޕޯޓަރުން ބައިވެރިވި ކަމަށް ހަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ބުނާ އިރު، މާ ހަދިޔާ ކުރަން ދިޔަ މީހުންނާ މެޑަމް ބައްދަލު ކުރައްވައި ހެޔޮ އެދުމުގެ ކާޑުތައް ވެސް މެޑަމް އަށް ރައްދު ކުރި އެވެ. މީގެ އިތުރުން އެ ހާދިސާގައި މެޑަމްއަށް ގެއްލުން ވުމުން ސަޕޯޓަރުންގެ ހިތްތަކުގައި ހުރި ޝުއޫރުތައް ވަކިވަކިން އެ ފަރާތްތަކުން މެޑަމްއާ ހިއްސާ ކުރެއްވި އެވެ. އަދި އެ މަޑަމް ވަނީ ހެޔޮ އެދުން ފޮނުއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ލޯންޗްގެ ގޮވުމުގެ ސަބަބުން އެކަމަނާގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އެކަމަނާ މިދިޔަ އާދިއްތަ ދުވަހު އޭޑީކޭގައި ވެސް ވަނީ ބުރަކަށީގެ އެމްއާރުއައި ސްކޭނެއް ހަދައިފަ އެވެ.
މެޑަމް ފާތުން އަކީ ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ވެސް މެނޭޖް ކުރެއްވުމުގެ އިތުރަށް ސޯޝަލް އެކި ކަންކަމުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭ ކަނބަލެކެވެ. އެކަމަނާއަށް ގެއްލުންތަކެއް ވުމުން އެކަމާ މެދު އެކި ފަރާތްތަކުން އަންނަނީ ހަމުދަރުދީ ފާޅު ކުރަމުންނެވެ.
ރައީސް އާއި އަނބިކަބަލުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި އެ ލޯންޗްގައި އެއްޗެއް ގޮވީ، ރަސްމީ ފާލަމަށް ލޯންޗް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މެޑަމްގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެފައިވެ އެވެ.
ސަރުކާރުގެ އެކި އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެ ހާދިސާއަކީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ސަރުކާރުން އަދި ރަސްމީ ގޮތުން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.