އެފްއޭއެމް

އެސޯސިއޭޝަން ނުހެދެނީ ގާނޫނުން އެ ޖާގަ ނުލިބޭތީ

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން އުފައްދަން ޖެހޭ ގޮތަށް އޮތް އެސޯސިއޭޝަންތައް ހެދިފައި ނުވަނީ އެކަމަށް ކުޅިވަރު ގާނޫނުން ހައިސިއްޔަތު ލިބިފައި ނުވާތީ ކަމަށް އެފްއޭއެމްގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ އެއް ނުކުތާއަކީ އެފްއޭއެމުން ހަދަން ޖެހޭ އެސޯސިއޭޝަންތައް ހަދާފައި ނުވުމެވެ.

އާޒިމު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރަމުންދާ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ހެނދުނު ހާޒިރުވެ، ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ގަވާއިދުގެ ދަށުން ބުނާ އެސޯސިއޭޝަންތައް ހެދުމަށް، އެފްއޭއެމް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމަށް ސްޕޯޓްސް ކޮމިޝަނާގެ އޮފީހަށްވެސް ވެސް ހުށަހަޅާފައި ވާނެ ކަމަށެވެ.

އެހެންނަމަވެސް އޭރު ވަގުތީ ގޮތުން ސްޕޯޓްސް ކޮމިޝަނާގެ މަގާމު ފުރުއްވަމުން ގެންދެވި، ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއީލް ލިއުމުން އަންގާވާފައި ވަނީ، އެފްއޭއެމުން އެދިފައިވާ އެސޯސިއޭޝަންތައް ރަޖިސްޓްރީ ކޮށްދިނުމުގެ ހައިސިއްޔަތު ގާނޫނުން ލިބިގެން ނުދާ ކަމަށެވެ. އަދި އެ އެސޯސިއޭޝަންތައް ހެދިގެން ދާން ޖެހޭނީ އެފްއޭއެމްގެ ދަށުން ކަމަށް އަންގާފައިވާ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހައިސިއްޔަތު އެފްއޭއެމްއަށް ނުލިބޭތީ މާއްދާ އަސާސީ ގަވާއިދުން އުނިކޮށްފައިވާ ކަމަށް

"ކުޅިވަރުގެ ގާނޫނުގައި އޮންނަ ގޮތުން ކަމަށް ވެއްޖެއްޔާ އެސޯސިއޭޝަނަކުން (އިތުރު) އެސޯސިއޭޝަނެއް ރަޖިސްޓްރީއެއް ނުކުރެވޭ،" މިއަދު ހެނދުނު އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެ ބައްސާމް ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މި މާއްދާ ކޮންގްރެސް އަކުން ބަދަލު ކުރަން، އެހެންވީމަ މިކަން ތަައާރުޒް ވާތީ ރާއްޖޭގެ ހެދިފައި ހުރި ކުޅިވަރު ގާނޫނުތަކުން އެ ބާރު ނުލިބޭތީ ނިމިދިޔަ ކޮންގްރެސްގައި އަޅުގަނޑުމެން ވާނީ އެ ގާނޫނު ހެދެންދެން އެ މާއްދާ އުވާލެވިފައި."

އެސޯސިއޭޝަންތައް ހެދުމުގެ މާއްދާ އަސާސީ ގަވާއިދުން އުނި ކުރީ، ގާނޫނު ތަން ނުދޭއިރު އެ މާއްދާ ހިމަނާފައި އޮތުމުން ކުރިއަށް ދާން އުނދަގޫ ވާނެތީ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި ގާނޫނު އިސްލާހް ކޮށްގެން އެ ހައިސިއްޔަތު ލިބުމުން އަލުން އެ މާއްދާ އަސާސީ ގަވާއިދުގައި ހިމެނުމަށް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އެ އެސޮސިއޭޝަންތައް ހެދިގެން ދާނީ ކުޅިވަރު ގާނޫނުގެ ދަށުން އެފްއޭއެއެމް އެސޯސިއޭޝަނަކުން ފެޑްރޭޝަނެއްގެ ދަރަޖައަށް ބަދަލުވެގެން ކަމަށެވެ.

އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގައި އޮތް އެސޯސިއޭޝަންތަކަކީ އެއްވެސް މުބާރާތެއްގައި ވާދަ ކުރާނެ އެސޯސިއޭޝަންތަކެއް ނޫން ކަމަށެވެ. "އިބްރާހިމް އިސްމާއީލް ވިދާޅުވީ ކުޅިވަރު ނުކުޅޭ ބަޔަކަށް އެސޯސިއޭޝަންތަކެއް ނުހެދޭނޭ ކުޅިވަރު ގާނޫނުގެ ދަށުންނެއް." އަލީ އުމަރު ވިދާޅުވި އެވެ.

އާޒިމު ހުށަހެޅުއްވި މައްސަލައިގައި ދެން ހިމެނޭ އަނެއް ކަމަކީ، އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީ ގަވާއިދުން ބާއްވާފައި ނުވުމުގެ މައްސަލައަށެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަދުވެގެން މަހަކު އެއް ފަހަރު އެގްޒެކެތިވް ކޮމިޓީގެ ބައްދަލުވުން ބާއްވަން ވާނެ އެވެ.

އެކަމާ ބެހޭގޮތުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުން ބާއްވަން މަސައްކަތް ކުރުމަށް ފަހު ކޯރަމް ހަމަ ނުވެއްޖެނަމަ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުން ބާއްވައި ކަންކަން ނިންމުމުގެ ބާރު އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން ލިބިދޭ ކަމަށެވެ.