ހަބަރު

ނަޝީދަށް މާފު ދިނުމަށް ބާންކީ މޫން ގޮވާލައްވައިފި

Oct 1, 2015

ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މާފު ދިނުމަށް، އދ ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ- މޫން އެދިވަޑައިގެންފި އެވެ.

ނިއުޔޯކްގައި ހުންނަ އދ ގެ ހެޑްކްއާޓާގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ އެކު ބާންކީ މޫން މިއަދު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އދ އިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ ހުކުމާ މެދު ރާއްޖޭގެ އެތެރެޔާ ބޭރުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން ވިސްނުމަށް މިނިސްޓަރުގެ އަރިހުގައި ބާންކީ އެދިވަޑައިގެން ކަމަށެވެ. ސިޔާސީ ޕާޓީތަކާ އެކު ކުރާ މަޝްވަރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަން ފާހަގަ ކުރަމުން ބާންކީމޫން ވިދާޅުވި ކަމަށް އދ އިން ބުނީ، ނަޝީދަށް މާފު ދިނުމަކީ އެ މަޝްވަރާތައް ހެޔޮ ނިޔަތުގައި ކުރިއަށް ގެންދިޔުމަށް ލިބޭނެ ބާރަކަށް ވާނެ ކަމަށް މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ ޖެނެރަލް ދެންނެވި ކަމަށެވެ.

މީގެ އިތުރަށް އެ ބައްދަލުވުމުގައި މޫސުމާ ބެހޭ ކަންކަމުގައި ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ ކުރާ މަސައްކަތްތައް އިތުރު ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޔޫއެން އިން ބުންޏެވެ.