ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ކޮވިޑް ޓެސްޓް މެޝިން ނައިފަރުން ގެންދިއުމުން ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފި

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި ކޮވިޑަށް ޓެސްޓް ކުރާ މެޝިން އެހެން އެ ރަށަކަށް ގެންދިއުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ފާޅު އެ ކަންބޮޑުވުން ފާޅު ކުރެއްވީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ ހުއްޓުވަން ގޮވާލައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ނައިފަރުގައި ހުރި މެޝިނަކީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ވެސް އެހެން ބަލިތަކަށް ޓެސްޓް ކުރުމުގެ ގޮތުން އެ ރަށަށް ގެންދިއަ މެޝިނެއް ކަމަށާއި އެ މެޝިނުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ ކަމަށެވެ. ނަމަވެސް ނައިފަރުން އެހެން ރަށަކަށް މެޝިން ގެންދިޔައީ އަތޮޅުގެ ރައްޔިތުން "ރޮއިރޮއި" ތިއްބާ ކަމަށެވެ.

ކޮވިޑަށް ޓެސްޓުކޮށް ފަރުވާ ދެވޭ ގޮތް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މިދިޔަ ހަތަރު މަސް ދުވަހުގައި ކޮވިޑަށް ބިލިއަނަކަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ހޯދަން ހޭދަ ނުކުރެވުނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

"ކޮބައިތޯ ކޮވިޑްގެ ތެރޭގައި ހޭދަކުރި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ، މި ފަސް ހަސްފަތާލު ފުރިހަމަ ނުވެގެން މެޝިނެއް ހުރި ތަނަކުން އެއިން ހަސްފަތާލަކަށް މެޝިނެއް ގެންދަން ޖެހޭ ހިސާބަށް ދިޔައީތޯ؟ މި ދަންނަވަނީ ކުޑަކުޑަ މެޝިނެއްގެ ވާހަކަ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވި އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓު ކުރާ ޖީން އެސްކްޕާޓް މެޝިނެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އެފަދަ މެޝިންތަކުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ ކިޓްތަކެއް އުފައްދައި ރާއްޖެއަށް ވެސް ގެނެސްފަ އެވެ. ނައިފަރުގައި ހުރި މެޝިން ގެންދިޔައީ ބ. އޭދަފުއްޓަށެވެ.