ހަބަރު

ފިނޭންސް އިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދަން މަޝްވަރާ ކުރަނީ

Jul 8, 2020
1

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއު ކުރިޔަށް ގެންދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާލޭގައި 25 ބުރީގެ އޮފީސް އިމަރާތެއް ތަރައްގީ ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ ގްރޫޕްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. އަދި ސަރުކާރުން ފަހުން ވަނީ އެ އިމާރާތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފަ އެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ވެސް އެ މަސައްކަތް ނުކޮށް ހުއްޓާލުމުން މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް 22.8 މިލިއަން ޑޮލަރު ދެއްކުމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ވަނީ އަމުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން އެ މަޝްރޫއު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލު ކުރަން ނިންމުމުން ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށްވާ އެންމެހާ މަސައްކަތައް އެޗްޑީސީއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ފައިސާ އެޗްޑީސީއަށް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މަޝްރޫއު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލު ކުރުމާއި ގުޅިގެން މަޝްރުއުގެ އަގު 155 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާއަށް) ބޮޑުވެގެން ގޮސްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި މަޝްރޫއަކީ ކޯޕަރޭޝަން ބިޒްނަސް ޕްލޭންގެ ބޭރުން އެދަނޑިވަޅުގައި ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމަކަށްވެފައި، 155 މިލިއަން އެމެރިކާ ޑޮލަރަށް މަޝްރޫއުގެ އަގު ބޮޑުވެގެން ދިއުމަކީ މި ކޯޕަރޭޝަންގެ ބެލެންސް ޝީޓަށް އިތުރުވެގެން ދާނެ ބޮޑު ބިޔަ ލޯނެއް ކަމަށްވެފައި ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"...އެ ބިލަށް ފައިސާ ހޯދުމަށްޓަކައި ކޮންޓްރެކްޓަރުގެ ފަރާތުން އެޖޫޑިކޭޝަނަށް 25 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައިވީ ނަމަވެސް މައްސަލަ އެޖޫޑިކޭޓާގެ ފަރާތުން ދިރާސާ ކުރުމަށް ފަހު ކޮންޓްރެކްޓާ ކޮށްފައިވާ މަސައްކަތައް ދޭން ޖެހޭނީ 22.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވަނީ ނިންމާފައި. އެހެންކަމުން ހަތް ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް އެޖުޑިކޭޓާ ނިންމާފައި ވަނީ ކޮންޓްރެކްޓަރު ކުރި މަސައްކަތައް ކަމުގައި ދަންނަވަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސް އިމާރާތް އަޅާ ކުންފުންޏަށް ކޮންޓްރެކްޓަރަށް 22.8 މިލިއަން ޑޮލަރު ދައްކަން އަމުރުކޮށްފައިވާއިރު ކޮންޓްރެކްޓަރާ އެކުވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނުފެންނަ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ. އަދި އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމަކުން މި ކޯޕަރޭޝަން ސަލާމަތްކޮށް، މި މަޝްރޫއު ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެގޮތުން ދެކޮޅު ޖެހޭނެ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާ ފަދަ ގޮތަކަށް އެކަށީގެންވާ ފައިނޭންޝިއަލް ޓާމްސްއާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.