ހަބަރު

އުމުރުން ދުވަސްވީ މީހުންނަށް މެޑަމް ފާތުން ތަހުނިޔާ ފޮނުއްވައިފި

Oct 1, 2015

މިއަދު ފާހަގަ ކުރާ އުުމުރުން ދުވަސްވީ ރަށްވެހިންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ އެންމެހާ އުމުރުން ދުވަސްވީ ފަރާތްތަކަށް ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ފޮނުއްވައިފި އެވެ.

އެކަމަނާގެ ރަސްމީ އޮފީހުން މިއަދު ނެރުނު ތަހުނިޔާގެ މެސެޖްގައި ބުނީ، މިއަދަކީ ގައުމަށް ހިދުމަތް ކޮށްފައިވާ ހިދުމަތާއި ޝަރުފުވެރިންގެ ދުވަސް ކަމަށެވެ. އަދި މިދުވަހު އެކަމަނާގެ ދުއާއަކީ ހުރިހާ ދުވަސްވީ ފަރާތްތަކަށް ހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުން ކަމަށް ވެސް މެޑަމް ފާތުން ވަނީ ވިދާޅުވެފަ އެވެ.

އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ބައެއް ކެބިނެޓް މިނިސްޓަރުން މިއަދު ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި އުުމުރުން ދުވަސްވީ ބަލިމީހުންނަށް ޒިޔާރަތް ކުރައްވައި އެ ފަރާތްތަކުގެ ހާލު ބައްލަވައިފަ އެވެ.

މެޑަމް ފާތުންނަކީ އުމުރުން ދުވަސްވީ މީހުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭކަނބަލެކެވެ. އެކަމަނާ އަންނަނީ ދޭތެރެ ދޭތެރެއިން އުމުރުން ދުވަސްވެ، ބަލި ހާލު ބޮޑުވެފައިވާ މީހުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައި އެފަދަ ފަރާތްތަކަށް އެހީތައް ދެއްވަމުންނެވެ. މީގެ އިތުރުން އެކަމަނާ އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.