ހަބަރު

ފުލުހުންގެ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފި

Jul 9, 2020
2

މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މުއައްސަސާގެ ރިސޯސް މެނޭޖްމަންޓުގެ ވެރިޔާގެ މަގާމަަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަން ކޮށް ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ނޯދަން ޑިވިޝަންގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ފައިރޫޝް ކުރިން ހުންނެވީ ކޮވިޑް-19 އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާގެ ގޮތު އެވެ. އާސިމް ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯޓް ސާވިސްގެ ވެރިޔާގެ މަގާމުގަ އެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ގައި ފުލުހުންގެ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މީގެ ކުރިން ހުންނެވި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ވެރިޔާގެ މަގާމަށް އައްޔަންކޮށްފައި ވެއެވެ. އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ވެރިޔާގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އައްޔަން ކޮށްފައި ވެއެވެ.

ރިސޯސް މެނޭޖްމަންޓަކީ ފުލުހުންގެ ފައިނޭންސް، ހިއުމަންރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސާވިސް ޑިޕާރޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ. އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. ސެންޓްރަލް ޕޮލިސިން ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.