ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އަންގައިފި އެވެ.
މި އެންގުމާ އެއްގޮތަށް އަލީ ވަހީދު މިހާތަނަށް އަދި އިސްތިއުފާ ދެއްވާފައެެއް ނުވެ އެވެ. އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކި ކުރުމަށް އެ ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
އަލީ ވަހީދު، މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ. މަގާމުން ވަކި ކުރީ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރޭ އެންގެވި އެންގުވެމާ އެއްގޮތަށް އިސްތިއުފާ ނުދެއްވުމުންނެވެ.
އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފޯނު ގުޅުއްވައި އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.
އެ މައްސަލައާ ގުޅިގެން ވެސް އަލީ ވަހީދު ޕާޓީގެ ރައީސްކަމުން ވަކިކުރަން ހުށަހެޅި އެވެ. ނަމަވެސް އޭރު އެ ޕާޓީއިން ފިޔަވަޅު ނޭޅީ ރައީސް ސޯލިހު، ފިޔަވަޅެއް ނާޅުއްވާތީ ކަމަށް ބުނެ އެވެ.