ވިޔަފާރި

މާލިއްޔަތު ގަވާއިދު އިސްލާހު: ތިން ބިޑް ހުށަހަޅާކަށް ނުޖެހޭނެ

Jul 9, 2020
2

ތިން ބިޑް ހުށަހަޅަން ނުޖެހޭ ގޮތަށް، މާލިއްޔަތު ގަވާއިދަށް ސަރުކާރުން އިސްލާހު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ކުރިން އޮތް ގޮތަށް ބިޑަކަށް ކުރިމަތިލާއިރު، ތިން ބިޑް ހުށަޅަން ނުޖެހޭ ގޮތަށް އިސްލާހު ގެނައުމާއެކު، އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭނެ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ ހަރުދަނާކޮށް އަވަހަށް ކުރިއަށް ގެންދަން ކަމަށެވެ.

އެ މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހުމަދު މުޖުތަބާ ވިދާޅުވި ގޮތުގައި ތިން ބިޑް ހުށަހަޅަން ޖެހޭ ގޮތަށް އޮތުމުން ކުދިކުދި ޕްރޮޖެކްޓްތައް ލަސްވެގެންދާ ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު، ފުރަތަމަ ފަހަރަށް އެންމެ ބިޑެއް އަޔަސް އެ ޝަތުރު ހަމަވެ، އެކަށީގެންވާ އަގެއްނަމަ ކާމިޔާބު ކުރެވޭނެ ކަމަށެވެ.

މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމާއެކު، ކޮންމެ ރަށެއްގެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް އަގުތަކުގެ މަޝްރޫއުތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަނާޅައި ކުރި އަށް ގެންދިއުމުގެ ބާރު އެ ބޯޑަށް ލިބިދެއެވެ.

ކޮވިޑް-19 އާ ހަމައަށް ރާއްޖޭގައި ތިން ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އާ މަޝްރޫއުތައް ފެއްޓުން މަޑު ޖައްސާލާފަ އެވެ.