ދިވެހި މީޑިއާ

މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތް ހަދަން މަޖިލީހުން އަންގައިފި

މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެ މަޖިލީހުން އަންގައިފި އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ އެމްއެމްސީގެ ރައީސް ހިދާޔަތުﷲ އަށް ފޮނުވާފައިވާ ސިޓީގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު މީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް އެކި މީޑިއާތަކުން ހަބަރު ފަތުރަމުންދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފްރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހަގަކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުން ވަނީ އެ މައްސަލައާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ގެނެސްދީފައިވާނަމަ އެކަމެއް ބެލުމަށްވެސް އެމްއެމްސީއަށް އަންގާފައެވެ.

މަޖިލީހުގެ ސިޓީގައި އެންމެ ފަހުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެންބަރުންނާއެކު މީޑިއާ ކައުންސިލުން ބޭއްވެވި ބައްދަލްވުމުގައި ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ހިލާފުވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވާކަން ފާހަގަކޮށް މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ އަންގާފައެވެ.

އެ ގަވާއިދު އިއްޔެގެ ކުރިން ފޮނުވުމަށް މިމަހުގެ އެއްވަނަ ދުވަހު ފޮނުވި އެ ސިޓީގައި ވަނީ ބުނެފައެވެ.

އަވަސްއާ ވާހަކަދައްކަމުން މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވީ މަޖިލީހުގެ ސިޓީއާއި ގުޅިގެން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ ކައުންސިލްގެ މެންބަރުންގެ މަޝްވަރާގެ މަތިން ކައުންސިލްގެ އަގްލަބިއްޔަތު އޮތްގޮތަކަށް ކަމަށެވެ.

ހިދާޔަތު ވިދާޅުވީ ހުރިހާ ނޫސްވެރިންވެސް ހަމަތަކާއި މިންގަނޑުތަކަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ. އަދި ދޮގު ހަބަރެއް ނުފެތުރުމަށާއި އަމާނާތްތެރިކަމާއެކު ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމަށް އެދޭ ކަމަށެވެ. އޭނާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން ނޫސްވެރިއަކު ލިޔާ ލިޔުމަކާއި ގުޅިގެން އެއްވެސް ނޫސް އިދާރާއަކަށް އަދި ނޫސްވެރިއަކަށްވެސް ފިޔަވަޅު ނާޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މި މަގާމުގައި [މީޑިއާ ކައުންސިލްގެ ރައީސް] ހުރެގެން ލިޔާ ލިޔުމަކާ ގުޅިގެން ނޫސް އިދާރާއަކަށް އަދި ނޫސްވެރިއަކަށް ފިޔަވަޅެއް ނާޅާނެ."

މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް އަންގާފައިމިވަނީ މަޖިލީހުގެ ބާރުތަކުގެ ބޭރުން އެތައް ބާރެއް އެ މަޖިލީހުގެ ތެރެއަށް ގެނެސް، ދައުލަތުގެ ވަރަށް ގިނަ އިދާރާތަކަށް މަޖިލީހުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ރައްޔިތުން ވަރަށް ބޮޑަށް ކުރަމުން ދަނިކޮށެވެ.