ހަބަރު

ފުލުހުން މުޒާހަރާއަށް ހުރަސް އެޅި ކަމަށް ބުނެ އެމްޑީޕީން އެޗްއާރްސީއެމަށް

Oct 2, 2015

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ އަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނެ އެ މައްސަލަ އެ ޕާޓީން އެޗްއާރްސީއެމަށް ހުށަހަޅައިފި އެވެ. 

ތުހުމަތު ކުރާ އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅި ކަމަށް އެ ޕާޓީން ބުނީ ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ. 

"ފަހަކަށްއައިސް ސުލްހަވެރި ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓުވައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ. މިޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް އެދިހިއުމަން ރައިޓްސް ކޮމިޝަނުގައި ވާނީ އެދިފައެވެ" ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންނަށް ނޯޓިސް ދީގެން ރޭ ޗާނދަނީ މަގުގެ ސީގަލް ކަންމަތީގައި ބޭއްވި މުޒާހަރާއާބެހޭ ގޮތުން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައި ވަނީ ސުލްހަ ވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ބޭއްވި އެ އެއްވުމުގެ ކުރިން ފުލުހުންނަށް އެއްވުމުގެ ނޯޓިސް ދީފައިވަނިކޮށް އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގެންފައިވާ ކަމަށެވެ. އެކަން ކުރީ ގާނޫނީ އެއްވެސް ހަމައެއްނެތި ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފުލުހުން މުޒާހަރާތެރެއަށް ވަނުން ބަލައިނުގަނެވޭނެ ކަމަށާއި ފުލުހުންގެ ޒިންމާއަކީ ސުލްހަވެރި އެއްވުންތަކަށް ޖާގަ ދީ އެކަން މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ބުނެފައި ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތުދީ އެކަން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދަށް ގޮވާލާ ކަމަށެވެ.