ދުނިޔެ

ސޯލްގެ މޭޔަރު ގެއްލިގެން ހޯދަން ފަށައިފި

Jul 9, 2020

ސޯލް (ޖުލައި 9) - ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ގެއްލިގެން ރިޕޯޓްކުރުމާއެކު، އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އެ ގައުމުގެ ފުލުހުން ފަށައިފި އެވެ.

ޕާކް ވޮން-ސޫން، 64 ގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޭނާގެ އަންހެން ދަރިފުޅެވެ. ބައްޕަގެ ސަލާމަތާ ގުޅިގެން ދަރިފުޅު ކަންބޮޑުވީ، ގެއިން ނުކުތުމުގެ ކުރިން ކުރި މެސެޖެއްގެ ސަބަބުންކަމަށް ވަނީ ބުނެފަ އެވެ.

ޕާކްގެ ފޯނު މިހާރު ނިއްވާލާފައިވާއިރު، އޭނާގެ ފޯނަށް އެންމެ ފަހުން ސިގްނަލެއް ލިބިފައިވަނީ އެ ސިޓީގެ ސުންގްބުކް ސަރަހައްދުންކަމަށް ފުލުހުން ބުންޏެވެ.

ޕާކް ވަނީ 2011 އިން ފެށިގެން ސޯލްގެ މޭޔަރުކަން ކުރައްވައިފަ އެވެ. އެގޮތުން، އޭނާގެ ތިންވަނަ އަދި ފަހު ދައުރަށް އިންތިހާބުވެވަޑައިގެންފައިވަނީ މިދިއަ ޖޫން މަހު އެވެ.

މިއަދު އޭނާ އޮފީހަށް ހާޒިރުވެވަޑައިގެންފައިނުވާއިރު، މިއަދު އޮތް މުހިއްމު މީޓީންގެއް ކެންސަލް ކުރެއްވިކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ، ޕާކް 2022 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ދޭން ވިސްނަމުންދާކަމުގެ އަޑުތައްވެސް ވަނީ އިވެން ފަށައިފަ އެވެ.