ވިޔަފާރި

ބީއެމްއެލް ކިޔު ނަމްބަރު ދޫކުރުން އޮންލައިންކޮށް

Jul 11, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރު ތަކުން ހިދުމަތް ދޭން އޮންލައިންކޮށް، "ކިޔުބީ އެޕް" އިން ނަމްބަރު ދޫކުރަން ފަށައިފި އެވެ.

ބީއެމްއެލްގެ ހިދުމަތް ހޯދަން ކިޔޫ ނަމްބަރު ނަގާ ފަރާތްތަކަށް ގެނެސްދިން މި ބަދަލާއެކު، އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތް ތަކަށް "ކިއުބީ އެޕް" މެދުވެރިކޮށް ނަމްބަރު ނެގޭނެ އެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ ވެސް އެވެ.

އެ ބޭންކުން ބުނީ ބޭންކް ހުޅުވާ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ އެވެ. އަދި ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރު މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ ގޮތުން، ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ހިދުމަތް ތަކެއް ފޯރުކޮށްދޭން ކަމަށެވެ.

"މި ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ވާނީ ފަސޭހައިން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތް ތަކެއް ތައާރަފްކޮށްފަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯދުމަށް. އޮންލައިން ކިއު ގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ،" ޓިމް ވިދާޅުވި އެވެ.

"ކިއުބީ" މެދުވެރިކޮށް ބީއެމްއެލްގެ މެއިން ބްރާންޗާއި ކަސްޓަމާ ސާވިސް ސެންޓަރު އަދި މާލެ ބިޒްނަސް ސެންޓަރުގެ އިތުރުން ބީއެމްއެލް އިސްލާމިކް ބްރާންޗާއި ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ވެސް ހިދުމަތް ހޯދޭނެ އެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދަން އެޕް މެދުވެރިކޮށް ފެންނަ "ވެއިޓިން ޕޮޒިޝަން" ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތަށް އައުމުންނެވެ.