އެޗްއައިވީ އޭޑްސް

އެޗްއައިވީ ޖެހުނު ބްރެޒީލް މީހަކު ހަމައެކަނި ބޭހުން ފަސޭހަވެއްޖެ

އަޖުމަބެލުމުގެ ގޮތުން ބޭސްތަކެއް ކާންދިން ބްރެޒީލްގެ އެޗްއައިވީ ބަލި މީހަކު އެ ބަލިން މުޅިން ސަލާމަތް ވެއްޖެ އެވެ. މިއީ ހަމައެކަނި ބޭސް ދީގެން އެ ބަލިން ސަލާމަތްވީ ފުރަތަމަ މީހާ އެވެ.

އުމުރުން 34 އަހަރުގެ މިމީހާ އެޗްއައިވީއަށް ޕޮޒިޓީވްވީ 2012 ގައެވެ. މި މީހާއަކީ އިންޓެންސިވް އެންޓި-ރެޓްރޮވައިރަލް (އޭއާރްވީ) ބޭސްތައް އަހަރު ދުވަހުގެ މުއްދަތަށް ދީގެން އެ ބަލިން މުޅިން ފަސޭހަ ކުރެވުނު ފުރަތަމަ މީހާ އެވެ. މިއީ އަޖުމަ ބެލުމުގެ ގޮތުން ދިން ފަރުވާ އަކަށް ވާތީ މި މީހާއައެކު މި އެކްސްޕެރިމެންޓުގައި އެޗްއައިވީ ޖެހިފައިވާ އިތުރު ހަތަރު މީހަކު ވެސް ބައިވެރިވި އެވެ. ނަމަވެސް ބަލި މުޅީން ފަސޭހަވީ މި މީހާ އެކަންޏެވެ.

މިދިޔަ ހަފުތާގައި ވާޗުއަލްކޮށް ބޭއްވި އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީ ކޮންފަރެންސަށް މި ދިރާސާ ރިޕޯޓު ހުށަހަޅަމުން ސައިންސްވެރިން ބުނެފައި ވަނީ މިކަމާ ގުޅޭ އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށެވެ.

މިފަހަރު ރަނގަޅުވީ ބްރެޒީލް މީހާއަކީ މިހާތަނަށް އެޗްއައިވީ ޖެހުނު އެތައް މިލިއަން މީހުންނެއްގެ ތެރެއިން އެ ބަލިން މުޅިން ފަސޭހަވީ ތިން ވަނަ މީހާ އެވެ. އަދި ހަމައެކަނި ބޭސްތަކެއް ދީގެން ބަލި ފަސޭހަވީ ފުރަތަމަ މީހާ އެވެ.

މީނާއަށް އޭއާރްވީ ބޭސްތަކުގެ ފަރުވާ ދިނީ ދެ މަސް ދުވަހަށެވެ. ދެން ކްލިނިކަލް ޓްރައަލް އެއްގައި ބައިވެރިކޮށް އެޗްއައިވީ އަށް މިހާރު ދޭ ބޭސްތަކާއި އަދި އިތުރު ބޭސްތައް ވެސް ދީފައި ވެއެވެ. އަދި ވިޓަމިން ބީގެ ވައްތަރެއް ކަމަށްވާ ނިކޮޓިނަމައިޑް ކިޔާ ބޭހެއް ވެސް ދިނެވެ.
މި ބޭހުން ކުރާ ކަމަކީ ވައިރަސް އިން އިންފެކްޓްވެފައިވާ ސެލްތަކުން ބޮޑު ބައެއް ހަނގުރާމަކޮށް ހަލާކު ކޮށްލަނީ އެވެ. އޭރުން ސެލް އަމިއްލައަށް ހަލާކުވެގެން ދެއެވެ. އަދި ދިފާއީ ނިޒާމު އެކްޓިވޭޓް ވެއެވެ.

މިފަހަރުގެ ކްލިނިކަލް ޓްރައަލްގައި ބައިވެރި ނުވާ މެލްބަން ޔުނިވަސިޓީގެ އެޗްއައިވީ އެންޑް އިންފެކްޝަސް ޑިޒީޒަސް އެކްސްޕާޓް، ޕްރޮފެސަރު ޝެރޮން ލެވިން ވިދާޅުވީ މިފަހަރު ރަނގަޅުވީމާ މީހާގެ ހަށިގަނޑުގައި ކުރިއްސުރެ އެންޓިބޮޑީޒް ނުހުންނާނެ އެވެ.

"މީހަކު ވައިރަސް އިން އިންފެކްޓްވާއިރަށް އެމީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެދޭނެ. އެންޓިބޮޑީޒް ދެން އަބަދުވެސް ހުންނާނެ ހަށިގަނޑުގަ. އެއީ ކިތަންމެ ބައިވަރު ވައިރަހެއް އުޅުނަސް ކިތަންމެ ބައިވަރު ބޭހެއް ކެޔަސް އެންޓިބޮޑީޒް އެ ހުރި ގޮތަށް ހުންނާނެ. ނަމަވެސް މި މީހާގެ ނަތީޖާތަކުން އެނގޭ އޭނާގެ ހަށިގަނޑުގައި އެންޓިބޮޑީޒް ނެތްކަން. އޭނާގެ ބަލި ފަސޭހަވީ އެހެންވެގެން،" ޕްރޮފެސަރު ވިދާޅުވި އެވެ.

މިއީ ހަމައެކަނި އެންމެ މީހެއްގެ ދިރާސާ ކަމުން އިތުރަށް ދިރާސާ ނުކޮށް މިމީހާ ފަސޭހަވީ ގޮތާއި މި މީހާއަށް ދިން ފަރުވާ އެހެން މީހުންނަށް ދީގެން ނުކުންނާނެ ނަތީޖާތައް ދެނެގަންނަން ނޭނގޭނެކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

"މިއީ ވަރަށް ޝައުގުވެރިވާ ނަތީޖާއެއް. ނަމަވެސް އެންމެ މީހެއްގެ ނަތީޖާއަށް ބަލާފައި އެއްޗެއް ބުނާކަށް ނޭނގޭނެ. އޭނާއައެކު މި ޓްރައަލްގައި ބައިވެރިވި އެހެން މީހުންގެ ނަތީޖާތައް ވެސް ބަލާލަން ބޭނުންވޭ،" ޕްރޮފެސަރު އިތުރަށް ވިދާޅުވި އެވެ.

ބްރެޒީލްގެ ޔުނިވަސިޓީ އޮފް ސައު ޕޯލޯގެ ޑރ. ރައިކާޑޯ ޑައަޒް އަކީ މިފަހަރުގެ ދިރާސާގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ އެވެ. އޭނާ ވިދާޅުވީ މިފަހަރު މަސައްކަތް ކޮށްފައިވާނީ ވައިރަސް ހޭލައްވާލައިގެން އެ ވައިރަސް ނައްތާލުމުގެ ގާބިލްކަން ދިފާއީ ނިޒާމުގައި ވަރުގަދަ ކުރެވޭތޯ އެވެ. އެއީ ހަށިގަނޑުގެ ތެރޭގައި ފިލާ ތިބޭ ވައިރަސްތައް އެ ފިލާ ތިބި ތަންތަނުން ނެރެ އެއަށް ހަމަލަ ދޭ ވާހަކަ ކަމަށް ޑރ. ރައިކާޑޯ ވިދާޅުވި އެވެ.

މީގެ ކުރިން އެޗްއައިވީ ޖެހިފައިވާ ދެ މީހަކު ތަފާތު ފަރުވާތައް ދީގެން މުޅިން ރަނގަޅު ވެފައި ވެއެވެ. އެތަނުން ފުރަތަމަ މީހަކީ "ބާލިން ޕޭޝަންޓް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޓިމޮތީ ބްރައުން އެވެ. އޭނާގެ ބަލި ފަސޭހަވީ 2007 ގައެވެ. އޭނާގެ ލެޔަށް ކެންސަރު ޖެހިގެން ބޯން މެރީ ޓްރާންސްޕްލާންޓް ހެދިފަހުން އޭނާގެ ހަށިގަނޑުގައި އެޗްއައިވީ ނެތްކަން ވަނީ ސާބިތުވެފަ އެވެ. ނަމަވެސް މިމީހާ ވެސް ފަސޭހަވީ އަސްލު ކިހިނެއްކަމެއް ސައިންސްވެރިންނަކަށް އަދިވެސް ނޭނގެ އެވެ.

ދެ ވަނަ މީހާއަކީ "ލަންޑަން ޕޭޝަންޓް" އެވެ. އެޑަމް ކެސްޓިލީޖޯ ނަމަކަށް ކިޔާ މި މީހާއަށް ދިނީ ސްޓެމް ސެލް ތެރަޕީ އެވެ. ޔުނިވަސިޓީ ކޮލެޖް ލަންޑަން އާއި އިމްޕީރިއަލް ކޮލެޖުން 2016 ގައި މި މީހާ އަށް ފަރުވާ ކުރުމަށްޓަކައި އެޗްއައިވީ އަށް އެމީހެއްގެ ހަށިގަނޑުގެ ސެލްތައް ރެސިސްޓްކުރާ ޑޯނަރެއް ހޯދާ އެމީހާގެ ސްޓެމް ސެލް އެޑަމް އަށް ދީގެން ފަރުވާ ކުރުމުން އޭނާ ވަނީ މުޅިން ބަލިން ފަސޭހަ ވެފަ އެވެ.