ހަބަރު

ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ އޮންލައިންކޮށް ހުށަހެޅޭނެ

ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީންގެ މައުލޫމާތު ރިޕޯޓު ކުރުމަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހެޅެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށެވެ. އަދި، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު މިކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރިހަމަކޮށް މައްސަލަ ހުށަހަޅާފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (PDF ފޯމެޓުގައި) ހުށައަޅަން ޖެހެއެވެ. ބިދޭސީމީހާ ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީޒާ ފީ ދައްކާފައި ހުންނަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި ބިދޭސީމީހާ ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމެއް (ބިދޭސީމީހާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް) ވެސް ހުށައަޅަން ޖެހެއެވެ.