ރޭޕް

ކުޑަކުއްޖަކު ގުރޫމްކޮށްގެން ރޭޕްކުރި އަނީސްގެ މައްޗަށް ތިން ދައުވާއެއް

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައާއި ގުޅިގެން ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަނީސް ހިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކުރުމަށްފަހު ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.