ހަބަރު

އިތުރު 200 ބިދޭސީން ގައުމަށް ފޮނުވާލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ. މިހާތަނަށް ބަންގްލަދޭހުގެ ހާހަކަށް ވުރެ ގިނަ މީހަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ އިރު އެ ގައުމުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި ބަންގްލަދޭޝް ސަރުކާރާއި ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގަލާދޭސް މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖެއިން މިހާތަނަށް 2617 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން ހިމެނެ އެވެ. އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު މަރުވި މީހުން ތެރޭގައިވެސް އެގައުމުގެ މީހުން ހިމެނެ އެވެ.