ވިޔަފާރި

ރާއްޖޭގެ ދަރަނި ތިން ޕަސެންޓް މަތިވެއްޖެ

Jul 13, 2020

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖޭގެ ދަރަނި ތިން ޕަސެންޓް މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ޖޫން މަހުގެ އިކޮނޮމިކް އަޕްޑޭޓް އަދަދުގައި ބުނެފައިވާ ގޮތުން ފުރަތަމަ ކްއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި ބަލާނަމަ އުޅެނީ 55.8 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކްއާޓަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރު ވުމެކެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 86 ޕަސެންޓް އިތުރު ވުމެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި މުއްދަތުގައި އެންމެ ބޮޑަށް މަތިވެފައި ވަނީ ރާއްޖޭގެ އެތެރޭގެ ދަރަންޏެވެ.

ފިނޭންސް މިނިސްޓްރީން ދާދި ފަހުން އާއްމުކުރި މިދިޔަ އަހަރުގެ "ޕަބްލިކް ޑެޓް ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭން ބޭރުގެ ދަރަނި އަށް ޕަސެންޓަށް އިތުރުވި އެވެ.

ދަރަނި މަތިވަމުން ދާއިރު ދައުލަތް ހިންގަން ސަރުކާރުން ދަނީ ދަރަނި ނަގަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އާންދަނީ ބޮޑުތަނުން ހީނަރުވެފައިވާތީ، ސަރުކާރުން ދަނީ ދުނިޔޭގެ މާލީ އިދާރާ ތަކުން ލޯނާއި ހިލޭ އެހީ ހޯދަމުންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާތަނަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ދަރަނި މަތިވެފައިވާއިރު މެއި މަހު އާމްދަނީގެ ގޮތުގައި ރާއްޖެ އަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 87 ޕަސެންޓް ދަށްވުމެކެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ހަރަދުތައް ވަނީ ތިން ޕަސެންޓް މަތިވެފަ އެވެ.