ހަބަރު

ކަލާފާނު ސްކޫލުން މޮޅު ދަރިވަރަކަށް މަރިޔަމް ޝަހާ

Oct 3, 2015

މިދިޔަ އަހަރު ކަލާފާނު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ޝަހާ ފައިސަލް ހޮވައިފި އެވެ.

ކަލަފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް ޝަހާ ހާސިލްކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ އެއްވަނާގައި ހިމެނިފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގަތެވެ.  

އަހަރީ އިނާމު ދިނުމުގެ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން މުހައްމަދެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އެ ސްކޫލްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރު ހޮވާފަ އެވެ. މިދިޔަ ގެރޭޑް ހަތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވާފައި ވަނީ ފާތިމަތު ޒިޔާދާ ޒާހިރެވެ.

އަހަރީ އިނާމު ދިނުމުގެ މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވުނު 318 ދަރިވަރަކަށް އިނާމު ދީފައިވެއެވެ.

އެގޮތުން މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

އަދި މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ޖަލްސާގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.