ބޮލީވުޑް

"ސްޓޭޖު ބިރު" ވަރަށް ބޮޑަށް ހުރޭ: ޓައިގާ

ފިލްމުތަކުގައި މަސައްކަތް ކުރާތާ އަހަރެއް ވީއިރު ވެސް "ސްޓޭޖު ބިރު" ނުދާ ކަމަށް ޓައިގާ ޝްރޮފް ބުނެފި އެވެ. ސްޓޭޖަށް އަރަން އުޅޭއިރު އެ ގަންނަ ބިރުން އޭނާއަށް ސަލާމަތް ވެވުނު ގޮތް ވެސް ޓައިގާގެ ސޯޝަލް މީޑިއާ މެސެޖެއްގައި ކިޔައިދީފައި ވެއެވެ.

އަކްޝޭ ކުމާރާއި ޓައިގާ ބައިވެރިވި އިވެންޓެއްގައި އަކްޝޭގެ އެދުމުގެ މަތިން ބައެއް ކަހަލަ ކިކްތައް ޓައިގާ ދައްކާލި އެވެ. މި މަންޒަރު ހިމެނޭ ވީޑިއޯއަކާއެކު ޓައިގާ އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖުގައި ބުނީ ސްޓޭޖު ބިރު ދިޔައީ އަކްޝޭ ކުރިމަތީގައި އެ ކިކްތައް ދައްކާލި ދުވަހުން ފެށިގެން ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ އަކްޝޭ އެނައުންސްމަންޓެއް ކުރުމުން ޓައިގާ ވަރަށް ފަރިތަކަމާއި ފުރިހަމަ ކަމާއެކު ކާޓްވީލެއް ހަދާލުމަށަ ފަހު ކާޓްވީލް ކިކް އެއް ވެސް ސްޓޭޖު މަތީގައި ޕާފޯމްކުރާ ތަނެވެ. އޭނާގެ ކާޓްވީލާއި ކިކްގެ ފުރިހަމަ ކަމުން ބަލަން ތިބި އެންމެންގެ ހޫނު އަތްތިލަބަޑިއެއްގެ އަޑުން މުޅި ތަން ގުގުމާލި އެވެ.

އިވެންޓެއްގައި ބައެއް ކިކްތައް ލައިވްކޮށް ދައްކާލަން ޓައިގާގެ ކިބައިން އަކްޝޭ ކުމާރު އެދުނު ދުވަސް ހަނދާން ކުރަމުން ޓައިގާގެ ޝެއާ ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ އެ ދުވަހަކީ އަދި ވަކިން ބޮޑަށް ބިރުގަން ދުވަހެއް ކަމަށެވެ. އެ ދުވަހު އަކްޝޭ ކުރިމަތީގައި އޭނާއަށް އެއްވެސް ގޯހެއް ނެހެދި ކާޓްވީލާއި ސްޓަންޓްތައް ފުރިހަމަ ކުރެވުނީތީ އުފާ ކުރާ ކަމަށާއި އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެ ދުވަހު ވަރަށް ބޮޑުތަން އިތުރުވެގެން ދިޔަ ކަމަށެވެ.

"އާންމުކޮށް އަހަރެންގެ ސްޓޭޖް ބިރު ހުރޭ. އަދި މި ވީޑިއޯއިން މި ފެންނަ ދުވަހު ހުރީ ވަކިން ބޮޑަށް ބިރުގަނެފަ. ސަބަބަކީ އަކްޝޭ އަކީ ވަރަށް މޮޅަށް އެކްޝަން މަންޒަރުތައް ފުރިހަމަކޮށްލާ އެކްޓަރަކަށް ވެފައި އޭނާ ކުރިމަތީގައި ޕާފޯމް ކުރަން ޖެހުމުން. ނަސީބަކުން އެ ދުވަހު ހުރިހާ ކަމެއް ވެސް ފުރިހަމައަށް ކުރެވުނީމަ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވާގޮތްވީ،" ޓައިގާ ބުންޏެވެ.

އަމިއްލައަށް ކުރި ބުރަ މަސައްކަތުން ވަރަށް ކުރު މުއްދަތެއްގައި ބޮލީވުޑުން ރަނގަޅު މަގާމެއް ހޯދާފައިވާ ޓައިގާ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ އެކްޝަން ހީރޯ އެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތުން އެދޭ ކަމަށެވެ. މިހާރު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ދޫނުކުރާ ވަރުގެ މޮޅު މީހުން ކަމަށާއި އެހެންވީމަ އާ ކަންތައްތަކެއް ކޮށްގެން ނޫނީ އެހެން މީހުންނާ ތަފާތު މީހަކަށް ނުވެވޭނެ ކަމަށް ޓައިގާ ދެކެ އެވެ.

އެހެން އެކްޓަރުންނަށް ނުކުޅެވޭ ކަހަލަ އެކްޝަން މަންޒަރުތަކާއި ނެށުންތައް އޭނާގެ ފިލްމުތަކުގައި ހުންނަނީ މިގޮތަށް ތަފާތު އެކްޓަރެއްގެ ގޮތުގައި މީހުންގެ މަގްބޫލުކަން ހޯދުމަށް ކަމަށް ވެސް ޓައިގާ ބުންޏެވެ.

ޓައިގާގެ އެންމެ ފަހުގެ ފިލްމު "ބާޣީ 3"ގައި ވެސް ވަރަށް މޮޅު އެހާމެ ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނެ އެވެ. ކޮރޯނާވައިރަސްގެ ސަބަބުން އިންޑިޔާގެ ސިނަމާތައް ބަންދު ކުރިއިރު "ބާޣީ 3" އަޅުވައިގެން މާ ގިނަ ދުވަހެއް ނުވެ އެވެ. އެހެންވެ އެ ފިލްމު ހިނގަން ވާވަރަށް އޮތީ ނުހިނގަ އެވެ.