ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ދެން ބޯޑަރު ބަންދުކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން"

ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަގުތީގޮތުން ޓުއަރިޒަމް މިނިސްޓްރީ އާއި ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ގާތްގަނޑަކަށް ހަތަރު މަސްފަހުން މިއަދު ވަނީ ބޯޑަރު އަލުން ހުޅުވާފަ އެވެ.

ބޯޑަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅޫވީ އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރުނު ދުވަސްވަރާއި މިހާރާއި ތަފާތު ކަމަށާއި އޭރު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ވިސްނަމުންދިޔައީ ވައިރަސް އަޔަ ނުދީ ރައްކާތެރިވުމަށް ވީ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. އެހެން ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށާއި މިހާރު އެންމެންވެސް މި ބައްޔަށް އަހުލުވެރިވެ ރައްކާތެރިވެވޭނެ ގޮތްތަށް ދެނެގަނެވިފައިވާ ކަމަށެވެ.

އެހެން ކަމުން ދެން އޮންނާނީ މި ބަލި އިތުރަށް ފެތުރިޔަ ނުދީ ކޮންޓްރޯލް ކުރުން ކަމަށާއި އެހެން ކަމުން ބޯޑަރު ބަންދުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ބޯޑަރުތައް ބަންދުކުރާނެ ކަމަށް އަޅުގަނޑަށް ލަފާ ނުވި ނަމަވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބޯޑަރު ބަންދުކުރަން އަންގައިފި ނަމަ އެކަން އެގޮތަށް ކުރާނެ." އޭނާ ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ބޯޑަރު ހުޅުވުމަކީ އުންމީދީ ދުވަހެއް ކަމަށާ، އިތުރު ޓޫރިސްޓުން ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ޓޫރިސްޓުން ފޮނުވާ ގައުމުތަކުން ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރޭ މިންވަރަށް ބޮޑަށް ބަލާ ކަމަށް ވިދާޅުވި އެވެ.