އެލްޖީއޭ

އެލްޖީއޭގެ ނާއިބް ރައީސަކަށް މާހިރު

ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފި އެވެ.

އެލްޖީއޭއިން މިއަދު ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސް ކަމަށް މުހައްމަދު މާހިރު އީސާ އިންތިހާބު ކޮށްފައިވާ ކަމަށެވެ.

މާހިރު އެ މަގާމަށް އިންތިހާބުކޮށްފައިވަނީ މިއަދު ކުރިޔަށް ދިޔަ މި އޮތޯރިޓީގެ ބޯޑުގެ 10 ވަނަ ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައްވައި ބޯޑަށް މެންބަރުން އައްޔަން ކުރައްވާފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.

އެލްޖީގެ ބޯޑުގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މީގެ އިތުރުން އެލްޖީގެ ބޯޑްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި ފާތިމަތު އަފްޝަން ލަތީފް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަރީފުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ އެވެ.