ހަބަރު

ނަޒާހަތްތެރިކަމަށް ފުށޫއަރާ ކަންކަން ބަލައެއް ނުގަނެވޭނެ: ކަސްޓަމްސް ސީޖީ

Jul 18, 2020

ކަސްޓަމްސް އޮފިސަރުންގެ ނަޒާހަތްތެރިކަމަށް ފުށޫއަރާ އެއްވެސް ކަމެއް ބަލައި ނުގެނެވޭނެ ކަމަށް، ކޮމިޝަަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ވުޒާރާ ކަމަށްވާ ކަސްޓަމްސް އަށް 130 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ދެއްވި ހިތޯބުގައި ވިދާޅުވީ ނަޒާހަތްތެރިކަމާ ފުރުއަރާ އެއްވެސް ކަމަކީ އެ މަނިކުފާނާއި ކަސްޓަމްސް އިން އެއްވެސް އިރެއްގައި ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މި ދިގު މާޒީގައި އަޅުގަނޑުމެންގެ މުއްސަސާ ނަގަހައްޓަމުން އައި މުހިންމު އަގު ކުރުންތަކާއި ފުށުއަރާ ބައެއް އަމަލުތައް މަދުމަދުން ނަމަވެސް ހިނގާފައިވުމަކީ އަޅުގަނޑުމެން ވަަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ވަޒީފާގައި ދެމިތިރުމަށް މި ވަގުތު އެންމެހާ އޮފިސަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

"ނަޒާހާތްތެރި މުއްސަސާއެއް ގާއިމް ކުރަން ކުރާ މަސައްކަތްތަކަށް ހިދުމަތް ހޯދާ ފަރާތްތަކުގެ އެހީތެރިކަމަށް އެދެން،" ޝަރީފު ވިދާޅުވި އެވެ.

މި ހިތޯބުގައި ޝަރީފު ވިދާޅުވީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާ ކަމަށްވާ ކަސްޓަމްސް އަށް 130 އަހަރު ފުރުނުއިރު، ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނުއުމާން ނިޔާވުމަކީ މުޅި މުއައްސަސާއަށް ލިބިގެން ދިޔަ ފޫބައްދަން ދަތި ގެއްލުމެއް ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކަސްޓަމްސްގެ އޮފިސަރުން އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮވިޑް-19 ގެ އާލަމީ ވަބާގައި ކަޑައްތުކުރި އެންމެ މުހިންމު ވަގުތުގައި ވެސް ސިއްހީ އާލާތްތަކާއި ކާބޯތަކެތި ގަވައިދުން ފޯރުކޮށްދެމުން ގެންދެވުމަކީ ކުޑަ ކަމެއް ނޫން. އެހެންކަމުން އެކަމަށްޓަކައި ކުރީ ސަފަށް ނުކުމެ ހަރަކާތްތެރިވި ހިތްވަރު ގަދަ އޮފިސަރުންނާއި ފަރުދާނެ ފުރަގަހުގައި ގޭގައި ތިއްބައިގެން މަސައްކަތް ކުރެއްވި ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާ ކުރަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ކަސްޓަމްސްގެ ކުރިއެރުމާއި ތަރައްގީ އަށް ގިނަ މަސައްކަތް ތަކެއް، ކުރެވި ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

"މިގޮތުން ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި މަސްތުވާ ތަކެއްޗާއި އެހެނިހެން މަނާތަކެތި އެތެރެ ކުރުން ހުއްޓުވަން ހަރުދަނާކޮށް، ގްލޯޕަލް ޓްރެވަލް ސިސްޓަމް ގާއިމްކުރުމާއި އިންޓަޕޯލްއާއެކު މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނޭ،" ޝަރީފު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ހިދުމަތް ފެށިފައިވަނީ 1980 ވަނަ އަހަރު އެވެ. ކަސްޓަމްސްގެ ފުރަތަމަ ވެރިއަކީ އަމީރު އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ.