ހަބަރު

މިންސްކް އެއާޕޯޓުގައި ތާށިވި ދިވެހިން ގެނައުމަށް ހަމަޖައްސައިފި

Jul 20, 2020

ބެލަރޫސްއިން ރާއްޖެ ނާދެވި ތިބި ދިވެހިން ގެނައުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިދިއަ ހޮނިހިރު ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިއުމަށްފަހު އެތަނުގައި ތާށިވީ 26 ދިވެހި ދަރިވަރުންނެވެ.

ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި ބެލާވިއާ އެއާލައިން އަދި ގަތަރު އެއާވޭސް އާއެކު ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީއިން ވާހަކަ ދައްކައި މަޝްވަރާކޮށްގެން އެކަން ހައްލުކުރެވިފައިކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ހަ ކުއްޖަކު ފިޔަވައި ބާކީތިބި ކުދިން މިހާރު ފުރުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބާކީތިބި ހަ ކުދިން މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ދަތުރު ފަށާނެކަމަށެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ އަދި ވިސާގެ ބައެއް އެރޭންޖްމަންޓްސްތަކަށް ބަދަލުތައް އައިސްފައިވާތީ އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއާލައިންތަކާ ގުޅައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއާމަންޓް ޓިކެޓް ނެގުމުގެ ކުރިން ބެލުމަށާއި ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމާއި ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.